ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތަކާ، ރޯދަ ހިފުމުން ލިބިދޭ ފައިދާތައް

ނޯޓް: މިއީ 29 މެއި 2016 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަ ހިފުމަކީ އޭގެ ސަބަބުން ތަބީއީ ގޮތުން ހަށިގަނޑަށް ތަފާތު ބަދަލުތައް އަންނަ ކަމެކެވެ. ރޯދަ ހިފުމަކީ އޭގައި ޞިއްޙީ އެތައް ފައިދާތަކެއް ވެސް ހިމެނޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ރޯދަށް އަށް ހުރުމުން ހަށިގަނޑަށް ތަބީއީ ގޮތުން އަންނަ ބަދަލުތަކާއި، ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ރޯދަ ހިފުމުން ހަށިގަނޑަށް އަންނަ ބަދަލުތައް

ރޯދައަށް ހުރުމަކީ ހަށިގަނޑުގެ ތަފާތު ނިޒާމުތަކަށް ތަފާތު ބަދަލުތައް ގެނުވާ ކަމެކެވެ. ރޯދައާއި ގުޅިގެން ތަބީޢީގޮތުން ހަށިގަނޑަށް އަންނަ ބަދަލުތައް ބަރޯސާވަނީ ރޯދައަށް ހުންނަ ވަގުތުގެ ކުރު ދިގުމިނެއްގެ މައްޗަށެވެ. ފަންނީގޮތުން ބަލާއިރު ހައިބަނޑާހުރުން (ރޯދައަށްހުރުން) ފެށޭނީ ކައިނިމި، ކާތަކެތި ރަގަޅަށް ހަޖަމުވެ، ހަށިގަނޑަށް ބޭނުންވާ ބައި ހަށިގަނޑަށް ނަގައި ނިމުމުންނެވެ.ރޯދައަށް ހުރުމުން ހަށިގަނޑަށް އަންނަ ބަދަލުތަކަކީ ޑައެޓްކުރުން ނޫނީ ނުކައި ހައިބަނޑާ ހުރުން، ނުވަތަ ހައިހޫނުކަމުގެ ހަޅުތާލުކުރުމުން އަންނަ ބަދަލުތަކާ މުޅިން ތަފާތު ބަދަލުތަކެއްކަން ފާހަގަ ކުރެވެއެވެ.

އާންމުކޮށް ހަށިގަނޑަށް ހަކަތަ ލިއްބައިދޭ މައި މަޞްދަރަކީ ފުރަމޭ، އަދި މަސްތަކުގައި ކޮށާރުކުރެވިފައި ހުންނަ ގުލްކޯޒު ނުވަތަ ހަކުރެވެ. ރޯދަޔަށް ހުންނައިރު، ހަށިގަނޑު ފުރަތަމަ ހަކަތަ ހޯދަނީ ކޮށާރުކުރެވިފައި ހުންނަ ގުލްކޯޒުންނެވެ.ކޮށާރުކޮށް، ރައްކާކޮށްފައި ހުންނަ ގުލްކޯޒު ހަކަތައިގެ ގޮތުގައި ބޭނުންކުރެވި ނިމުމުން، ފެޓް(ސަރުބީ) ހަކަތައިގެ މަޞްދަރެއްގެ ގޮތުގައި ބޭނުންކުރަން ފަށާނެއެވެ.

ރޯދައަށް ހުންނަނީ ފަތިހުން ފެށިގެން އިރުއޮއްސުމާއި ދެމެދުކަމަށްވާތީ، ހާރުދަމާއި، ރޯދަވީއްލާ ވަގުތަކީ ކޮންމެ މީހަކަށްމެ، ހަށިގަނޑުގެ ހަކަތައިގެ ކޮށާރު އާކޮށްލަން ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. މާނައަކީ މިވަގުތުގެ ތެރޭގައި ހަމައެކަނި ހަކުރާއި، ސަރުބީ އިން ފޯރުކޮށްދޭ ހަކަތައިން ހަށިގަނޑަށް ފުދޭނެއެވެ. އަދި ހަކަތަ ހޯދުމަށް ޕްރޮޓީން ބޭނުންކުރާކަން ނުޖެހޭނެއެވެ.ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް މަސްތަކުގައި ހުންނަ ޕްރޮޓީން ބޭނުންނުކުރާނަމަ، ރޯދަހިފުމުން ހަށިގަނޑު ހިކި އަނަރޫފައެއް ނުވާނެ އެވެ.

ހަށިގަނޑަށް ބޭނުންވާ ހަކަތަ ހޯދުމަށް ސަރުބީގެ ބޭނުން ހިފުމަކީ އެކަމުގެ ސަބަބުން ބަރުދަން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. އަދި ހަށިގަނޑުއި ހިމެނޭ ސަރުބީގެ މިންވަރު ދަށްކޮށްދޭނެ ކަމެއްވެސް މެއެވެ. ހަށިގަނޑުގެ ބަރުދަން ލުއިވުމަކީ ހަށިގަނޑުގެ ހަކުރު ކޮންޓްރޯލް ކުރެވި، ލޭގެ ޕްރެޝަރު އެއްހަމައެއްގައި ހިފަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ހަކަތަ ހޯދުމަށް ސަރުބީގެ ބޭނުން ހިފުމުގެ ތެރޭގައި ސަރުބީތަކުގައި ޖަމާވެފައި ހުންނަ ވިހަ މާއްދާތައް ވެސް ހަށިގަނޑުން ބޭރުވެގެންދިއުމަށް އެހީތެރިވެދެއެވެ. ދުވަސްކޮޅަކު ރޯދަ ހިފުމުން ލޭގެ ތެރޭގައި “އެންޑޯރފިން” ކިޔާ ހޯރމޯންއެއްގެ ނިސްބަތް މަތިވެގެންދެއެވެ އެންޑޯރފިން ހޯރމޯން އަކީ މީހާގެ ސަމާލުކަން އިތުރުކޮށްދީ، ނުތަވަނަސްކަން ފިލުވައި، ހިތްހަމަޖެހުން ގެނެސްދީ، މީހާގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދޭ ހޯރމޯން އެއް ކަން ފާހަގަ ކޮށްލެވެއެވެ.

ރޯދަމަހު ހަށިގަނޑަށް އަންނަ ބަދަލުތަކުގެ ތެރެއިން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ މަސައްކަތަށް ވެސް ބަދަލު އަންނަކަން ފާހަގަ ކުރެވެއެވެ. އެގޮތުން އާންމުކޮށް ގިނަ މީހުންނަށް ބަނޑުން ގޭސް އުފައްދާ މިންވަރު ރޯދައަށް ހުންނައިރު ދަށްވާކަން ފާހަގަ ކުރެވެއެވެ. ޗިސްމޭ(ޕެންކްރިއާސް) އިން ރޯދައަށް ހުންނައިރު އިންސިއުލިން އުފެއްދުން ދަށްވެ، ފުރަމޭ އަދި މަސްތަކުގައި ކޮށާރުކުރެވިފައި ހުރި ހަކުރު ދޫކުރުމަށް އަންގާ ހޯރމޯން އެއް އުފައްދައެވެ. މީގެ އިތުރުން ހަޖަމުކުރުމަށް އެހީތެރިވެދޭ ދިޔަތައް އުފެއްދުން ދަށްކުރެއެވެ.

ހަށިގަނޑަށް ބޭނުންވާ ވަރަށް ގިނަ ފެން ހަށިގަނޑަށް ނަގަނީ ބޮޑު ގޮހޮރުންނެވެ.ގުރުދާ ނުވަތަ ކިޑްނީއެކޭ އެއްގޮތަށް ބޮޑު ގޮހޮރަކީ ވެސް ރޯދައަށް ހުންނައިރު ހަށިގަނޑުގެ ފެނުގެ މިންވަރު އެއްހަމައެއްގައި ބެހެއްޓުމަށް އެހީތެރިވެދޭ ގުނަވަނެކެވެ. ރޯދައަށް ހުންނައިރު ކުޑަ ގޮހޮރުން ހަޖަމުކުރުމަށް އެހީވެދޭ ދިޔަތައް އުފެއްދުން ވަގުތީގޮތުން ހުއްޓުމަކަށް އާދެއެވެ. ރޯދަޔަށް ހުންނައިރު ގަވާއިދުން ކޮންމެ 4 ގަޑިއިރުން އެއްފަހަރު ކުޑަގޮހޮރު ފިތި، ކުރުގެޅެމުން ދާނެއެވެ.

ރޯދަޔަށް ހުންނައިރު، ޖެހިގެން އަންނަ ކެއުމަށް (ރޯދަ ވީއްލާ ވަގުތަށް) ހަށިގަނޑު ތައްޔާރުވުމުގެ ގޮތުން ފިތުގައި ހަޖަމުކުރުމަށް އެހީތެރިވެދޭ ބައިލް ކިޔާ ދިޔައެއް ރައްކާކޮށް، އޭގެ ތާސީރުމަތިކުރަމުން ގެންދާނެ އެވެ. ރޯދަޔަށް ހުންނައިރު ފުރަމޭގައި ކޮށާރުކުރެވިފައި ހުންނަ ހަކުރު ހަކަތައިގެ ގޮތުގައި ބޭނުންކުރަމުން ގެންދެއެވެ.

ރޯދަ ހިފުމުން ލިބިދޭ ޞިއްޙީ ފައިދާތައް

ރޯދައަށް ހުރުމަކީ އެކަމުގެ ސަބަބުން ރޯދަ ހިފާ މީހަކަށް ޞިއްޙީ ގޮތުން ވެސް އެތަކެއް ފައިދާ ތަކެއް ލިބޭ ކަމެއްކަން ފާހަގަ ކުރެވެއެވެ. ރޯދަ ހިފުމަކީ ހަށިގަނޑުން ބޭކާރު ވިހަތައް ސާފުކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ލޭގައި ހަކުރުގެ މިންވަރު އެއް ހަމައެއްގައި ހިފަހައްޓައިދީ، ހަކުރު ބަލި ކޮންޓްރޯލް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްދީ، ހަށިގަނޑުގައި ސަރުބީގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ.

ރޯދަ ހިފުމަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް އެހީތެރިކަން ލިބިދޭ ކަމެކެވެ.އަދި ބަރުދަން ލުއިކޮށްދިނުމަށް ވެސް އެހީތެރިވެދޭ ކަމެކެވެ. ރޯދައަށް ހުރުމުން ހެދިބޮޑުވުމަށް ބޭނުންވާ ހޯރމޯންތައް ދޫކުރުން އިތުރުވެއެވެ. ވެއްޓޭބަލި ހުންނަ މީހުންނަށް ލުއިކަން ލިބިދެއެވެ. ހަށިގަނޑުގެ ދިރު (ސެލް)ތަކަށް ކީމޯތެރަޕީ ފަދަ ފަރުވާތަކުން ލިބޭ ގެއްލުންތައް ކުޑަކޮށްދެއެވެ. އަދި ހަށިގަނޑުގައި ހިންގާ އެކިކަހަލަ މަސައްކަތްތައް ހަލުވިވެގެންދާކަން ފާހަގަ ކުރެވެއެވެ.

ރޯދަ މަހަކީ ރޫހާނީ ގޮތުން ނަފުސުތައް ދިރި، އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރާ ދުވަސްވަރެކެވެ. އެކަކު އަނެކަކާ އޮންނަ ގުޅުންތައް އާވެ، ރަނގަޅުކުރުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެކެވެ. އެހެންކަމުން ރޯދަ ހިފުމަކީ ދޭދޭ ގުޅުންތައް ރަނގަޅުވެ، އެކަމުގެ ސަބަބުން މީހާގެ ނަފްސާނީ ދުޅަހެޔޮކަމަށް ވެސް ދިރުން ގެނުވާނެ ކަމެކެވެ.

ރޯދަހިފުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން ފަދަ ހަށިގަނޑަށް ގެއްލުންދެނިވި، އާދަތަކުން ދުރުހެލިވުމަށް ލިބިގެންދާ ރަނުގެ ފުރުޞަތެއްކަން ފާހަގަކުރެވެއެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ އަމަލުތަކުން ދުރުހެލިވާން ބޭނުންވާ ފަރާތްތަކުން ރޯދަ މަހުގެ ފުރަތަމަ ދުވަހު އެކަމަށް އަޒުމު ކަނޑައަޅައިގެން މަސައްކަތް ފެށިދާނެއެވެ. އެއީ އެފަދަ ކަމެއް ކުރަން ފެށުމަށް ވަރަށް ރަނގަޅު ތާރީޚެކެވެ. ފުރަތަމަ ދުވަހު އެކަން ކާމިޔާބު ނުވެއްޖެނަމަ ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް އެފަދަ ދުވަހެއް ކަމަށް ދެކިގެން، ރޯދަމަހުގެ ތެރޭގައި މަސައްކަތްކޮށްގެން، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ދުރުހެލިވެވިދާނެ އެވެ.

ކޮންމެ އަކަސް ރޯދަމަހަކީ އެހެން މަސްތަކާ ޚިލާފަށް އަޅުގަނޑުމެންގެ ހަށިގަނޑަށް ވެސް ތަބީޢީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަ މަހަކަށް ވުމުން، އަޅުގަނޑުމެންގެ ކެއުންބުއިމުގައި ޞިއްޙަތަށް ފައިދާހުރި ގޮތްތައް ޚިޔާރުކޮށް، އަޅުގަނޑުމެންނަށް ކެއުންބުއިމުގައި ގެންގުޅެވޭ އުސޫލުތަކުގެ ސަބަބުން ޞިއްޙަތަށް ނޭދެވޭ އަސަރު ނުކުރާނޭ ގޮތަކަށް ކަންތައްތައް ތަރުތީބުކޮށްލުން ރަނގަޅެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ހުރެ ރޯދަ މަސް ފުރިހަމަކުރެވޭނީ އޭރުންނެވެ.

ކިޔާފައިވާ ޢަދަދު:18,832

މިވެސް މުހިންމު