ރޯދަ މަސް: ދުންފަތާ ދުރުހެލިވުމަށް ވަރަށް އެކަށޭނަ ދުވަސްވަރެއް

ނޯޓް: 31 މެއި 2017 ގައި ސަން އޮންލައިންގައި ޝާއިޢުކުރެވިފައިވާ ލިޔުމެކެވެ. ރޯދަމަހަކީ އަހަރެމެންގެ ދިރިއުޅުމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަ މަހެކެވެ. ރޯދަ މަހުގެ ދުވާލުގެ ވަގުތުތަކުގައި އެއްގޮތަކަށް ވެސް ނުކައި ރޯދައަށް ހުންނަ ހުރުމަކީ ކެއުން ބުއިމުގައި ގެންގުޅެވޭ ނޭދެވޭ އާދަތަކާއި، އަހަރެމެންގެ ކިބައިގައި އަށަގެންފައި ހުންނަ ދުންފަތު އިސްތިއުމާލުކުރުން، މަސްތުވާތަކެތި ބޭނުންކުރުން، މާގިނައިން އެނާޖީ ޑްރިންކްސް ބޭނުންކުރުން ފަދަ ޞިއްޙީގޮތުން އެހާ ރަނގަޅު ނޫން އާދަތައް ބަދަލުކޮށްލުމަށް ލިބިގެންދާ ފުރުޞަތެކެވެ.

ރޯދައަށް ހުންނަ ހުރުމުގައި ގިނަ ވަގުތު ކާބޯއެއްޗެއް އަރުތެރެއިން އެތެރެނުވެ ހުންނަ ހުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް އެހީތެރިކަން ލިބޭނެ ކަމެކެވެ. ހިތްވަރާއި އެކު މަސައްކަތްކޮށްފިނަމަ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަކީ މާ އުދަނގޫ ކަމެއް ނޫނެވެ. ރޯދަމަހަކީ އަހަރުގެ ތެރޭގައި އަންނަ މިފަދަ ކަމަކަށް އެންމެ އެކަށޭނަ ދުވަސްވަރެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ބޭނުންވާ މީހާ ފުރަތަމަ ކަމަކަށް ކުރަންވީ ކަމަކީ ހުއްޓާލާނެ ދުވަހެއް ކަނޑައެޅުމެވެ. އެއަށްފަހު ހުއްޓާލަން ނިންމިކަން އާއިލާގެ މެންބަރުންނާއި، ރަހުމަތްތެރިންގެ ގާތުގައި ބުނާށެވެ. އަދި މިކަމުގެ އެމީހުންގެ އެހީތެރިކަމާ އެއްބާރުލުން ބޭނުންވާނެކަމަށް ބުނާށެވެ. ހުއްޓާލުމުން ދިމާވާ އުނދަގޫތަކާ، ހުއްޓާލައިގެން ދެމިހުރުމަށް ނޫނީ ހުއްޓާލުމަށް ކުރަމުންގެންދާ މަސައްކަތަށް ދިމާވެދާނެ ހުރަސްތަކާ މެދު ވިސްނާށެވެ. އަދި އެފަދަ ހާލަތްތައް ދިމާވުމުން އަމަލުކުރާނޭ ގޮތްތައް ދުރާލާ ރާވާލާފައި ބަހައްޓާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުމަށް ބާރުލިބޭފަދަ ހުރިހާ ކަމަކާ ދުރުހެލިވާށެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހަދާންކޮށްދޭ ފަދަ ތަކެތި ފެންނަ ހިސާބުގައި ނުބަހައްޓާށެވެ. މިސާލަކަށް ގޭތެރޭގައި ސިގިރޭޓް ފޮށި، އަޅިކެނޑި، ލައިޓަރު، އަލިފާންފޮށި ފަދަ ތަކެތި ނުބަހައްޓާށެވެ. އަދި ގޭގައި އުޅޭ އެހެން މީހުން ވެސް އެފަދަ ތަކެތި ތިބާއަށް ފެންނަ ހިސާބުގައި ބެހެއްޓިޔަނުދޭށެވެ. ގޭގައި ޚާއްޞަކޮށް ތިބާއަށް ފެންނަ ހިސާބުގައި ދުންފަތުގެ އިސްތިއުމާލުކުރިޔަ ނުދޭށެވެ.

ފާހަގަ ކުރެވިފައިވާގޮތުގައި ދުންފަތުގެ އިސްތިއުމާލުކުރާ ގިނަ މީހުން ރޯދަވީއްލާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރުމަށް ބޭނުންވެއެވެ. މިފަދަ މީހުން ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާއިރު، ރޯދަ ވީއްލައިގެން ދުންފަތުގެ އިސްތިއުމާލުނުކޮށް ވާނޭގޮތެއް ނޫނީ ދުންފަތުގެ އިސްތިއުމާލުނުކޮށް ކުރެވިދާނެ އެހެން ކަންތައްތަކެއް ހޯދައި، އެކަންކަން ކުރުން މުހިއްމެވެ.

އެންމެ މުހިއްމު އެއްކަމަކީ ރޯދަ ވީއްލުމަށް ފަހު ދުންފަތުގެ އިސްތިއުމާލުނުކޮށް ފަސްކޮށްލުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ފަސްކޮށްލުމަށްޓަކައި، ރޯދަ ވީއްލާގޮތަށް މިސްކިތަށް މަޣްރިބް ނަމާދުކުރުމަށް ދެވިދާނެ އެވެ. އަދި ނަމާދަށްދާއިރު އެކުގައި ތިމާގެ ދަރިން ނޫނީ ގޭގައި އުޅޭ ކުޑަކުއްޖަކު ގެންދެވިދާނެ އެވެ. ތިމާގެ އުފަން ދަރިން ނޫނީ ކުޑަކުއްޖަކު އެކުގައި ނަމާދަށް ގެންދާނަމަ، ނަމާދަށް ދާ މަގުމަތީގައި ދުންފަތުގެ އިސްތިމާލުކުރުމަށް ފަސްޖެހޭނެ އެވެ. ނޫނީ ކުޑަކުދިން ތިބުން ދުންފަތުގެ އިސްތިއުމާލުކުރުމަށް އެޅޭ ހުރަހަކަށް ވާނެއެވެ. އެކުގައި ގެންދާނެ ކުޑަކުއްޖަކު ނެތްނަމަ، ދުންފަތުގެ އިސްތިއުމާލުނުކުރާ މީހަކާ އެކުގައި މިސްކިތަށް ދެވިދާނެ އެވެ. ގިނަފަހަރު އެކުގައި ދާމީހަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހެއްނަމަ، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހާއަށް އެކުގައި ދާމީހާ ދުންފަތުގެ އިސްތިއުމާލުކުރާ ތަން ފެނުމުން، އެކަންކުރާހިތްވާގޮތް ވެއެވެ.

ރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަށް މަސައްކަތްކުރާ މީހަކަށް ކުރެވިދާނެ އަނެއް ކަމަކީ މިސްކިތުން ރޯދަ ވީއްލުމެވެ. މިސްކިތުން ރޯދަ ވީއްލުމުން ލިބޭ ފައިދާ އަކީ ދުންފަތުގެ އިސްތިއުމާލުކުރާހިތް ވިޔަސް މިސްކިތުގެ ގޯތިތެރޭގައި ނަމާދަށްދާ އެހެން މީހުންގެ ކުރިމަތީގައި ފަސްޖެހޭގޮތް ވުމެވެ. އަދި ގިނަފަހަރު މިސްކިތުން ރޯދަ ވީއްލައި، ނަމާދުކޮށް ނިމޭއިރު ހުންނާނީ ރޯދަވީއްލާ ވަގުތު، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން އުޅޭ މީހަކަށް އަންނަ “ސިގިރޭޓް ބޯހިތްވުން” ނުވަތަ އެގަޑީގައި ދުންފަތުގެ އިސްތިއުމާލުކުރުން ހުންނަ ޝައުގުވެރިކަން ކުޑަވެގެން ގޮސްފައެވެ. އަދި ރޯދަ ވީއްލާގޮތަށް ނަމާދުކޮށްގެން ކޮންމެވެސް ކަހަލަ ހެޔޮ އަމަލެއްގައި މަޝްޣޫލުވުމަކީ ވެސް މިކަމަށް އެހީތެރިކަން ލިބިދޭނެ ކަމެކެވެ.

ރޯދަވީއްލާގޮތަށް ދުންފަތުގެ އިސްތިއުމާލުކުރާ ހިތްވެއްޖެނަމަ އޭގެ ބަދަލުގައި ކޮންމެ ވެސް ކަހަލަ މޭވާއެއް ޚިޔާރު ކުރާށެވެ. ރޯދަ މަހު ގޭގައި އުޅޭ އެހެން ފަރާތްތަކަށް ގޭގައި ދުންފަތުގެ އިސްތިއުމާލުނުކުރުމަށް ބާރުއަޅާށެވެ. އަދި ތިބާގެ ކުރިމަތީގައި އެކަން ނުކުރުމަށް އެބައެއްގެ ކިބައިން އެދޭށެވެ.

ވަރަށް ގިނަ ފަހަރު ކޮފީ މޭޒަކީ ދުންފަތުގެ އިސްތިއުމާލުކުރާ މާލަމަކަށް އޮންނަނީ ވެފައެވެ. ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމަކީ ދުންފަތުގެ އިސްތިއުމާލުކުރާ މަންޒަރު ހުއްޓާލަން އުޅޭ މީހާއަށް ފެނި އެކަމަށް ޝައުގުވެރިކަން އިތުރުވާނެ ކަމެކެވެ. އެހެން ކަމުން ރޯދަ މަހު ކޮފީބުއިން ފަދަ އަމަލުތަކާ ދުރުހެލިވާށެވެ. ޞިއްޙީ ގޮތުން ބެލިނަމަވެސް ޚާއްޞަކޮށް ރޯދަމަހުގައި މާގިނައިން ކޮފީ ބުއިމަކީ ރަނގަޅު ކަމެއް ނޫނެވެ. ތަރާވީސް ދަމުގައި ރަހުމަތްތެރިންނާއެކު ކޮފީއަށް ދިއުމުގެ ބަދަލުގައި ގޭގައި އާއިލޭގެ މެންބަރުންނާއެކު ތަރާވީސް ދަމުގެ ނާސްތާ ފުރިހަމަކުރުމަކީ ވެސް ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލައި، އެކަމުން ދުރުހެލިވުމަށް އެހީތެރިވެދޭނެ ކަމެކެވެ.

ތިބާގެ ރަހުމަތްތެރިންގެ ތެރޭގައި ދުންފަތުގެ އިސްތިއުމާލުނުކުރާ ރަހުމަތްތެރިއެއް ނެތްނަމަ، ނޫނީ ގިނަ ރަހުމަތްތެރިންނަކީ ދުންފަތުގެ އިސްތިއުމާލުކުރާ މީހުން ކަމުގައިވާނަމަ، ދުންފަތުގެ އިސްތިއުމާލުކުރާ އެންމެން އެކީގައި ހުއްޓާލަން މަސައްކަތް ކުރެވިދާނެ އެވެ. އެންމެން އެކުއެކީގައި ގުޅިގެން ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން މަސައްކަތްކުރުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަން ކުރާ މަސައްކަތުގައި ކާމިޔާބު ލިބުމުގެ ފުރުޞަތު އިތުރުވެގެންދާނެ ކަމެކެވެ. ވީމާ މިރޯދަ މަހުގައި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ނޭދެވޭ އާދަޔާ ދުރުހެލިވުމަށް މަސައްކަތްކުރަމާތޯ އެވެ.

ކިޔާފައިވާ ޢަދަދު:26,513

މިވެސް މުހިންމު