އެވޮކާޑޯ

އެވޮކާޑޯ އަކީ މީރު މޭވާ އެކެވެ. އެވޮކާޑޯގެ ބޭރު ތޮށިގަނޑު ކަޅުފެހި އަދި ގަދަފެހި ކުލައިގައި ވެސް ހުރެއެވެ. މިއީ ރޯކޮށް ހުއްޓައި މޭވާގެ ގޮތުގައި ބޭނުންކުރުމުގެ އިތުރުން، ސަލަޑް ހަދައިގެންނާއި، ތަފާތު ވައްތަރުގެ ކެއުންތަކުގައި ބޭނުންކުރާ މޭވާ އެކެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކާތަކެތީގެ ތެރޭގައި ގުނާލެވޭ، އެވޮކާޑޯ އަކީ، ތަފާތު 25 ވައްތަރެއްގެ ކާނާގެ ބައިތައް އެކުލެވޭ މޭވާ އެކެވެ. އޭގެތެރޭގައި ތަފާތު ވައްތަރުގެ ވިޓަމިންގެ ބައިތަކާއި، މަޢުދަންތައް އަދި އެނޫން މާއްދާތައް ވެސް ހިމެނެއެވެ. 3 ދޮންކެޔޮ ވަކުގައި ޕޮޓޭސިއަމް ހިމެނޭ މިންވަރަށް އެންމެ އެވޮކާޑޯ އެއްގައި ޕޮޓޭސިއަމް ހުންނަކަމަށް ވެއެވެ.

އެވޮކާޑޯ އިން ލިބޭ ޞިއްޙީ ފައިދާތައް

  • ބައެއް ވައްތަރު ކެންސަރުން ރައްކާތެރިކޮށްދިނުން: އެވޮކާޑޯ ބޭނުންކުރުމަކީ ބައެއް ވައްތަރުގެ ކެންސަރުން ރައްކާތެރިކަން ގެނެސްދޭ ކަމެކެވެ.
    • ޕްރޮސްޓޭޓް ކެންސަރު: ފާހަގަ ކުރެވިފައިވާ ގޮތުގައި އެވޮކާޑޯ ބޭނުންކުރުމަކީ ޕްރޮސްޓޭޓް ކެންސަރުގެ ޓިއުމަރު ބޮޑުވުމަށް ހުރަސްއަޅާ ކަމެކެވެ.
    • އަނގައިގެ ކެންސަރު: ދިރާސާތަކުން އެނގިފައިވާ ގޮތުގައި އެވޮކާޑޯގައި ހިމެނޭ ބައެއް ކަހަލަ ކަމްޕައުންޑް ތަކަށް، އަނގައިގެތެރޭގައި ހުންނަ، ކެންސަރުގެ ސެލްތަކާއި، ކެންސަރަށް ބަދަލުވުމުގެ ފުރުޞަތު އޮންނަ ސެލްތައް ދެނެގަތުމުގެ ކުޅަދާނަކަން ލިބިފައި ވެއެވެ. އަދި ރަގަޅު ސެލްތަކަށް ގެއްލުމެއްނުދީ އެފަދަ ސެލްތައް ނެތިކޮށްލައެވެ.
    • އުރަމަތީގެ ކެންސަރު: ޒައިތޫނި ތެލެކޭ އެއްފަދައިން އެވޮކާޑޯ ގައި ވަރަށް ގިނައިން “އޮލީކް އެސިޑް”(Oleic acid) ހުރެއެވެ. ވަރަށް ގިނަ ދިރާސާތަކުން އެނގިފައިވާގޮތުގައި އޮލިކް އެސިޑަކީ އުރަމަތީގެ ކެންސަރުން ރައްކާތެރިވުމުގައި ބޭނުންތެރި މާއްދާ އެކެވެ.
  • ލޮލުގެ ދުޅަހެޔޮކަން: އެހެން ހުރިހާ މޭވާތަކަށްވުރެ އެވޮކާޑޯގައި ކެރޮޓިނޮއިޑް “ލޫޓީން”(Lutein) ހުންނަ މިންވަރު މައްޗެވެ. ލޫޓީން އަކީ އުމުރުން ދުވަސްވުމުން ދިމާވާ ލޯފުސްވުމުގެ މައްސަލައާއި، “މެކިޔުލަރ ޑިޖެނެރޭޝަން”ގެ މައްސަލަ އިން ރައްކާތެރިކޮށްދޭ މާއްދާ އެކެވެ.
  • ހަށިގަނޑުގެ ސަރުބީގެ މިންވަރު ދަށްކުރުން: އެވޮކާޑޯގައި ގިނަ އަދަދަކަށް “ބީޓާ-ސައިޓޯސްޓީރޯލް”(Beta-sitosterol) ހުރެއެވެ. މިއީ ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. އެއް ދިރާސާއެއްގައި 45 މީހުން ހަފްތާއެއް ވަންދެން އެވޮކާޑޯ ކޮންމެ ދުވަހަކު ބޭނުންކުރުމުން އެމީހުންގެ ހަށިގަނޑުގައި ހިމެނޭ ޖުމުލަ ސަރުބީގެ މިންވަރު އެވްރެޖް ގޮތެއްގައި 17 އިންސައްތަ ދަށްވެގެން ގޮސްފައި ވެއެވެ. އަދި ޓްރައިގްލައިސެރައިޑް އާއި، ނުރަގަޅު ކޮލެސްޓްރޯލްގެ މިންވަރު 22 އިންސައްތަ ދަށްވެ، ރަގަޅު ކޮލެސްޓްރޯލްގެ މިންވަރު 11 އިންސައްތަ މަތިވެފައި ވެއެވެ.
  • ހިތުގެ ދުޅަހެޔޮކަން: އެންމެ ބޯތައްޓެއްގެ ގެ ފުރާ ހުންނަ އެވޮކާޑޯ އިން ކޮންމެ ދުވަހަކު ބޭނުންވާ ފޮލިކް އެސިޑްގެ 23 އިންސައްތަ ހަށިގަނޑަށް ލިބެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގައި ފޮލިކް އެސިޑް އެކުލެވޭ ކާތަކެތި ބޭނުންކުރާ މީހުންނަށް ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އެފަދަ ތަކެތި ބޭނުންނުކުރާ މީހުންނަށްވުރެ ކުޑައެވެ. މީގެ އިތުރުން އެވޮކާޑޯގައި ހިމެނޭ ވިޓަމިން އީ، ގުލުޓަތިއޯން (Glutathione) އަދި މޮނޮއަންސެޗުރޭޓެޑް ފެޓް(monounsaturated fat) އަކީ ހިތުގެ މަސައްކަތްތައް ފުރިހަމަށްކޮދީ ދުޅެހެޔޮކަންމަތީ ބެހެއްޓުމަށް ބޭނުންތެރި މާއްދާ ތަކެކެވެ. މީގެ އިތުރުން ވިޓަމިންބީ6 ނުވަތަ ޕައިރިޑޮކްސިން ވެސް އެވޮކާޑޯގައި ހުރެއެވެ. ފޮލިކް އެސިޑް އަދި ޕައިރިޑޮކްސިން އަކީ ލޭގައި ހީމޯސިސްޓެއިން ގެ މިންވަރު ކޮންޓްރޯކުރާ މާއްދާ ތަކެވެ. ލޭގައި ހީމޯސިސްޓެއިންގެ މިންވަރު މަތިވުމަކީ، ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ. އެވޮކާޑޯގައި ފައިބަރު ހުރުމަކީ ވެސް ލޭމައްޗަށްދިއުން ފަދަ ހިތާއި ލޭހޮޅިތަކާއި ގުޅުންހުރި ބަލިތަކާއި ދުރުކޮށްދޭނޭ ކަމެކެވެ.
  • ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދިނުން: އެވޮކާޑޯގައި ގިނަ އަދަދަކަށް ފޮލިކް އެސިޑް ހުރެއެވެ. މިއީ ސްޓްރޯކް ޖެހުމުން ރައްކާތެރިކޮށްދޭ ކަމެކެވެ. ދިރާސާތަކުން ދައްކާގޮތުގައި ކެއުމުގައި ފޮލިކް އެސިޑް އެކުލެވޭ ކާތަކެތި ބޭނުންކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުޞަތު އެފަދަ ތަކެތި ބޭނުންނުކުރާ މީހުންނަށްވުރެ ކުޑައެވެ.
    • އެވޮކާޑޯގައި ޕޮޓޭސިއަމް ގިނައިން ހުރުމަކީ ވެސް ސްޓްރޯކް ޖެހުމުން ދުރުކޮށްދޭ ކަމެކެވެ. ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު ޕޮޓޭސިއަމް މުއްސަދިވެފައިވާ ކާނާ ބޭނުންކުރާ މީހުންނަށް، ސްޓްރޯކްޖެހުމުގެ ފުރުޞަތު 40 އިންސައްތަ ދަށެވެ.
  • ކާތަކެތީގައި ހިމެނޭ ކާނާގެ ބައިތައް ހަށިގަނޑަށް ނެގުން ރަގަޅުވުން: ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކާތަކެތީގައި ހިމެނޭ ކާނާގެ ބާވަތްތައް ހަށިގަނޑަށް ނަގާމިންވަރު، އެކާތަކެތި އެވޮކާޑޯ އާއި އެކުގައި ބޭނުންކުރުމުން މާރަގަޅެވެ. އެއް ދިރާސާއެއްގައި ބައިވެރިންނަށް އެވޮކާޑޯ ހިމެނޭ ސަލަޑް ދިނެވެ. އަދި އެމީހުންގެ ހަށިގަނޑަށް ކެރޮޓިނޮއިޑް ނަގައިފައިވާ މިންވަރު، ސަލަޑްގައި އެވޮކާޑޯ ނުހިމަނައި ކެއި މީހުންނަށްވުރެ 5 ގުނަ އިތުރެވެ.
  • ލޭގެ ޕްރެޝަރު ދަށްކުރުން: އެވޮކާޑޯގައި ގިނައަދަދަކަށް ޕޮޓޭސިއަމް އެކުލެވިގެންވުމަކީ ލޭގެ ޕްރެޝަރު ދަށްކުރުމަށް ބާރުއަޅައިދޭ ކަމެކެވެ. ސޯޑިއަމް މަދު، އަދި ޕޮޓޭސިއަމް ގިނައިން ހިމެނޭ ކާނާ ބޭނުންކުރުމަކީ ލޭގެ ޕްރެޝަރު ކޮންޓްރޯލް ވުމުގެ އިތުރުން، ހިތުގެ ބަލިތަކާއި، ސްޓްރޯކްޖެހުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ. މީގެ އިތުރުން އެވޮކާޑޯގައި ފައިބަރު ހިމެނުމަކީ ވެސް ހިތުގެ ބަލިތަކާއި، ލޭމައްޗަށްދިއުން ފަދަ ކަންކަމުން ދުރުކޮށްދޭނެ ކަމެކެވެ.
  • ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު: އެވޮކާޑޯގައި ހިމެނޭ ފައިޓޯނިއުޓްރިއެންޓް ކަމްޕައުންޑްތަކުގެ ގޮތުގައި ބެލެވޭ ފްލޭވޮނޮއިޑް، އަދި ޕޮލީފީނޯލް އަކީ އެއަށް ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާ ތަކެކެވެ. ނަތީޖާއެއްގެ ގޮތުން، ތަފާތު ގުނަވަންތައް ދުޅަވެ، ހަލާކުވުމުގެ ފުރުޞަތު އެވޮކާޑޯ ބޭނުންކުރުމުން ކުޑަވެގެން ދެއެވެ. އެވޮކާޑޯގައި ހިމެނޭ ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރު ލިބިފައިވާ މާއްދާތައް އަންނަނިވި 5 ބަޔަށް ބަހާލެވެއެވެ.
    • ފައިޓޯސްޓީރޯލް: މިބައިގައި ހިމެނެނީ ބީޓާ-ސައިޓޯސްޓީރޯލް، ސްޓިގްމެސްޓީރޯލް، އަދި ކެމްޕިސްޓީރޯލް އެވެ.
    • ކެރޮޓިނޮއިޑް އެންޓި އޮކްސިޑެންޓް ތައް: މިބައިގައި ހިމެނެނީ، ލޫޓީން، ނިއޯޒެންތިން، ނިއޯކްރޯމް، ކްރިސެންތިމެޒެންތިން، ބީޓާ-ކްރިޕްޓޯޒެންތިން، ޒިއެޒެންތިން، ވިއޮލެޒެންތިން، ބީޓާ ކެރޮޓީން، އަދި އަލްފާ ކެރޮޓީން އެވެ.
    • އެހެނިހެން އެންޓި އޮކްސިޑެންޓް ތައް: މިބައިގައި ހިމެނެނީ، ފްލޭވޮނޮއިޑްގެ ތެރޭގައި ހިމެނޭ އެޕިކެޓިކިން، އެޕިގެލޯކެޓިކިން، 3-0- ގެލޭޓް، ވިޓަމިން ސީ، ވިޓަމިން އީ، މަޢުދަންތަކުގެ ތެރޭގައި ހިމެނޭ، މެންގަނީޒް، ސިލެނިއަމް، އަދި ޒިންކް އެވެ.
    • އޮމެގާ -3- ފެޓީ އެސިޑް ތައް: މިބައިގައި ހިމެނެނީ، އަލްފާ ލިނޯލެނިކް އެސިޑް އެވެ.
    • ޕޮލީ ހައިޑްރޮކްސީލޭޓެޑް ފެޓީ އަލްކޮހޯލް

– ދިރާސާތަކުން ދައްކާގޮތުގައި މަތީގައިވާ ހުރިހާ މާއްދާ ތަކަކީ ވެސް ހުޅުތައް ދުޅަވުމުގެ ވައްތަރުތައް ކަމުގައިވާ “މަޑުކަށި ގިރުން” (Osteoarthritis)  އަދި “ރާއްޖެ ބަލި”(Rheumatoid arthritis)  ފަދަ ބަލިތަކުން ރައްކާތެރިވުމުގައި އެހީތެރިވެދިނުމުގެ ކުޅަދާނަކަން ލިބިފައިވާ މާއްދާ ތަކެވެ.

  • ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުން: އެވޮކާޑޯގައި ހިމެނޭ މޮނޮއަންސެޗުރޭޓެޑް ފެޓް އަކީ “އިންސިއުލިން ރެސިސްޓެންސް” (Insulin resistance) އަށް ބަދަލުގެނުވާ ކަމެކެވެ. މިއީ ލޭގެ ހަކުރުގެ މިންވަރު ކޮންޓްރޯލް ވާނެ ކަމެކެވެ. އަދި އެވޮކާޑޯގައި ހިމެނޭ ފައިބަރުގެ ސަބަބުން، ލޭގައި ހަކުރުގެ މިންވަރު އެއްހަމައެއްގައި ހިފެހެއްޓިފައި ހުރުމަށް އެހީތެރިވެދެއެވެ.
  • އުފެދުމުގައި ހުންނަ ޢައިބުތަކުން ރައްކާތެރިކުރުން: އެވޮކާޑޯ އަކީ ވިޓަމިން ބީގެ ތެރޭގައި ހިމެނޭ ފޮލިކް އެސިޑް އިން މުއްސަދިވެފައިވާ މޭވާ އެކެވެ. އެންމެ ބޯތައްޓެއްގެ ގެ ފުރާ ހުންނަ އެވޮކާޑޯ އިން ކޮންމެ ދުވަހަކު ބޭނުންވާ ފޮލިކް އެސިޑްގެ 23 އިންސައްތަ ހަށިގަނޑަށް ލިބެއެވެ. އެވޮކާޑޯގައި ފޮލިކް އެސިޑް ގިނައިން ހުރުމަކީ އެބޭނުންކުރުމުން “ސްޕައިނާ ބިފިޑާ” (Spina bifida) ފަދަ ނާރުތަކަށް ދިމާވާ މައްސަލަތަކުގެ ސަބަބުން އުފެދޭ ޢައިބުތަކުން ދުރުކޮށްދޭނޭ ކަމެކެވެ.
  • ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކުރުން: އެވޮކާޑޯ އަކީ އެންޓި އޮކްސިޑެންޓެއް ކަމުގައިވާ “ގުލުޓަތިއޯން” (Glutathione) އިން މުއްސަދިވެފައިވާ މޭވާ އެކެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާގޮތުގައި، ގުލުޓަތިއޯން އަކީ ހިތުގެ ބަލިތަކާއި، ކެންސަރުން ރައްކާތެރިކޮށްދީ، އަދި މުސްކުޅިވުން ލަސްކޮށްދޭ ކަމެކެވެ. އަދި މިއީ ހަށިގަނޑަށް ގެއްލުންދެނިވި، ފްރީ ރެޑިކަލްތަކުން ހަށިގަނޑަށް ލިބޭ ގެއްލުން ކުޑަކޮށްދޭ މާއްދާ އެކެވެ.
    • ފްރީ ރެޑިކަލް ތަކުން ރައްކާތެރިކޮށްދީ ހަށިގަނޑު ދިފާއުކޮށްދޭ މައިގަނޑު ދެވަޞީލަތެއް ވެއެވެ. އެއީ އެންޒައިމްތަކާއި، ލޭގެ ތެރޭގައި ހިމެނޭ މަޢުދަންތަކާއި، އަދި ވަރުގަދަ 3 އެންޓި އޮކްސިޑެންޓް އެވެ. މިބުނި 3 އެންޓި އޮކްސިޑެންޓް އަކީ ވިޓަމިން ސީ، ވިޓަމިން އީ އަދި ބީޓާ ކެރޮޓީން އެވެ.
  • އަނގައިން ނުބައިވަސްދުވުން ކުޑަކުރުން: އެވޮކާޑޯ ބޭނުންކުރުމަކީ އަނގައިން ދުވާ ނުބައިވަސް ކެނޑުވުމަށް އެންމެ ރަގަޅު ތަބީޢީ ފަރުވާ އެވެ. މިއީ އެބޭނުންކުރުމުން، ގޮހޮރު ސާފުކޮށްދީ، ދުލުގައި ހުދުކުލައި ބަތާނަ އެއް އުފެދުން ކުޑަކޮށްދޭ މޭވާ އެކެވެ.
  • ހަމުގެ ފަރުވާ: އެވޮކާޑޯ ތެލަކީ ވަރަށް ގިނަ ކޮސްމެޓިކްސް ގައި ހިމެނޭ އެއްޗެކެވެ. މިއީ ހަމަށް އޮމާންކަމާ އަލިކަމާ ސާފުކަން ގެނެސްދޭ އެއްޗެކެވެ. “ސޮރައިސިސް”(Psoriasis) ފަދަ ހަމުގެ ބަލިތަކާއި، ބައެއް ކަހަލަ ހަމާ ނުގުޅުމުގެ ޙާލަތްތަކުގައި ވެސް ފަރުވާގެ ގޮތުގައި އެވޮކާޑޯ ތެޔޮ ބޭނުންކުރެއެވެ.
  • ވިޓަމިން އީގެ ގުދަން: މޭވާތަކުގެ ތެރެއިން ވިޓަމިން އީ ލިބޭ އެންމެ ރަގަޅު މަޞްދަރަކީ އެވޮކާޑޯ އެވެ. މިއީ ވަރަށް ގިނަ ބަލިތަކުން ރައްކާތެރިވުމުގައި އެހީތެރިވެދޭ މާއްދާ އެކެވެ. އަދި ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ވެސް މުހިއްމު މާއްދާ އެކެވެ. ވިޓަމިން އީ އަކީ އެންޓި އޮކްސިޑެންޓެކެވެ. އެހެންކަމުން ކެންސަރުން ހިމާޔަތްކޮށްދީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތައް ވިޓަމިން އީ ގެ ސަބަބުން ކުޑަވެގެން ދެއެވެ.

މަޢުލޫމާތު:-

http;://www.nutrition-and-you.com/avocados.html  
http;://www.healthdiaries.com/eatthis/10-health-benefits-of-avocados.html
http;://www.healthonlinezine.info/health-benefits-of-avocados.html
http;://www.whfoods.com/genpage.php?tname=foodspice&dbid=5

މިވެސް މުހިންމު