މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުން

މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމު ކަމެކެވެ. މިކަން ބޮޑަށް ކުރިމަތިވަނީ ބަނޑަށް 4 މަސް ވުމަށްފަހު ވިހެއުމާއި ދޭތެރޭގައެވެ. ބަލިވެއިންނަ ކޮންމެ 5 އަންހެނުންގެ ތެރެއިން 1 މީހަކަށް ނޭފަތުން ލޭއައުމުގެ މައްސަލަ ދިމާވެއެވެ. މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމަކީ އާންމުކޮށް އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. މިކަން ބައެއް ފަހަރު ފާހަގަ ނުވެވެސް ހިނގައިދާނެއެވެ.

ސަބަބު

ސަބަބު ނޭފަތުން ލޭއައުން، ނޭފަތު އެތެރެހިކުން، ނޭފަތް ބެދުން، ފަދަ އުދަގޫތައް ކުރިމަތިވަނީ ނޭފަތާއި، އަނގަޔާއި، އަދި ކަރުގައިވާ ޓިޝޫތަކަށް ހޯރމޯންގެ އަސަރު ކުރުމާއި، ވިދިގެންނެވެ. ލޭއަންނަގޮތް މެދުވެރިވަނީ މާބަނޑުވުމުން އިތުރުވާ ޕްރޯޖެސްޓރޯން، އަދި އެސްޓްރަޖަން ހޯރމޯންގެ ސަބަބުން ނޭފަތުގެ އެތެރޭގައިވާ ލޭހޮޅިތައް ފުޅާވުމުންނެވެ. މިއާއެކު މާބަނޑުވުމުން ލޭދައުރުވުން އިތުރުވެ، ނޭފަތުގައި ހުންނަ ކުދިކުދި ލޭހޮޅިތަކުގެ ތެރޭގައި ޕްރެޝަރު މަތިވެ، ފަޅައިގެންދާގޮތްވެއެވެ.

އަރިދަފުސް ރޯގާ ޖެހުން، ނޭވާލާނިޒާމުގެ އެލާޖީގެ މައްސަލަ ހުރުން، ސައިނަސް ދުޅަވުން،ލޭމައްޗަށްދިއުން، ލޭހިލުން ކުރިމަތިކުރުވަފާނެ ބަލިތައް ފަދަ ހާލަތްތަކާއި، އެއާކޯންކޮށްފައި ހުންނަ ތަންތަނުގައި ގިނަވަގުތުހޭދަކުރުން ފަދަ ކަންކަމަކީ އޭގެ ސަބަބުން ނޭފަތުން ލޭއައުން ކުރިމަތި ކުރުވައިފާނެ ހާލަތްތަކެވެ.

އަލާމާތްތައް: ނޭފަތުން ލޭއައުން

ނޭފަތުން ލޭއައުން ހުއްޓުވާނީ ކިހިނެއް؟

ގިނަ ފަހަރު ނޭފަތުން ލޭއަންނަނީ ނޭފަތުގެ ކުރިމަތީ ބައިގައި ހުންނަ ކުދިކުދި ހިމަ ލޭޅިތަކުންނެވެ. މިހިސާބު ލޭހޮޅިތައް ފެޅުމުން އަންނަލޭ ގިނަފަހަރު އޭގެ ޒާތުގައި ހުއްޓޭނެ އެވެ. ނަމަވެސް ނޭފަތުގެ ފަހަތު ބައިގައި ހުންނަ ތަންކޮޅެއް ބޮޑެތި ލޭހޮޅިތައް ފަޅައިގެން ދިއުމުން އަންނަ ލޭ ގިނަވެފައި، ހުއްޓުވަން އުދަނގޫވާނެ އެވެ. ނޭފަތުން ލޭއަންނަށް ފެށުމުން އަންނިވި ގޮތަށް ކަންތައް ކުރެވިދާނެއެވެ.

  • ތަނެއްގައި އިށީދެ ޝަހާދަތް އިގިލި އާއި ބޮޑުވައި އިގިލި އިން ނޭފަތުގެ ދެފަރާތުގައި ހިފަހައްޓާ ބާރަށް ފިއްތާލާށެވެ. މިވަގުތު އަނގައިން ނޭވާލާށެވެ.
  • ނޭފަތް ފިއްތާލައިގެން ގާތްގަނޑަކަށް 20-10 (ނޫނީ 10-5 މިނިޓްވަރު) ވަރަކަށް މިނިޓް ވަންދެން ހުންނާށެވެ. މިގޮތަށް ހުންނައިރު ޕްރެޝަރު ދޫކޮށްލައިގެން ނުވާނެއެވެ. މާނައަކީ ފިއްތާލައިގެން ހުންނަ ހުރުމަށް ދޫކަމެއް ދީގެންނުވާނެއެވެ.
  • އަނގަ ހުޅުވައިގެން ހުރެ، ހަށިގަނޑު ކުރިޔަށް ލަންބާލާށެވެ. މިހެން ހެދުމުން ނޭފަތުގައި ހުރި ލޭތައް ބޭރުވާނެއެވެ. މިގޮތަށް ހެދުމުން ލޭތައް ފަހަތަށް ގޮސް، އަރުތެރެއިން ބަނޑަށް ވާޞިލްވިޔަނުދީ ހިފެހެއްޓޭނެ އެވެ.
  • އަނބުރައިގަންނަން އުޅޭހެން ހީވާނަމަ، ވާތް ފަރާތަށް ބުރަވާ ގޮތަށް ތަނެއްގައި އޮށޯންނާށެވެ.
  • ނޭފަތުން ލޭއަންނަނީ ކިހާ އިރެއް ވަންދެންކަން ބަލާށެވެ. އާންމުކޮށް ނޭފަތަށް ފިއްތާލައިގެން ހުންނަތާ ގިނަވެގެން 20 މިނިޓް ތެރޭގައި ނޭފަތުން ލޭއައުން ހުއްޓޭނެ އެވެ. މިގޮތަށް ފިއްތާލައިގެން ހުރުމުން، ލޭގަނޑުވެ، ލޭމަނާވުމަށް އެހީތެރިވެދެއެވެ.
  • ނޭފަތުން ލޭއައުން ހުއްޓުވުމަށްޓަކައި ނޭފަތް މަތީގައި އެއްޗަކަށް ލައިގެން އައިސްފެން ނޫނީ ގަނޑުފެން ވެސް ޖެއްސިދާނެއެވެ. ގަނޑުފެން ޖެއްސުމުން ލޭހޮޅިތައް ހިމަވެ، ހަނިކޮށްލައި، ލޭމަނާކޮށްލާނެއެވެ.

ނޭފަތަށް ފިއްތާލައިގެން 20-10 ވަރަކަށް މިނިޓް ވަންދެން ހުރުމުން ވެސް ލޭމަނާ ނުވާނަމަ ނޫނީ ލޭއައުން ނުހުއްޓޭނަމަ ޑޮކްޓަރަކަށް ދެއްކުމަކީ އެދެވިގެންވާކަމެކެވެ. ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުމާއި، ވިހެއުމަށްފަހު މާގިނައިން ލޭފޭބުމާއި ގުޅުމެއްވެދާނެ ކަމަށް ބެލެވިފައި ވެއެވެ. އެއް ދިރާސާ އެއްގައި ބުނެފައިވާގޮތުގައި މާބަނޑު ދުވަސްވަރު ނޭފަތުން ލޭއައުން ކުރިމަތިވާ މީހުންގެ ތެރެއިން ކޮންމެ 10 އަންހެނުންގެ ތެރެއިން 1 އަކަށް ވިހެއުމަށްފަހު މާގިނައިން ލޭފޭބުމުގެ މައްސަލަ ދިމާވެއެވެ.

ނޭފަތުން ލޭއައުމަށްފަހު، ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ލޭއައުން ހުއްޓުވުމަށްޓަކައި އަންނަނިވި ކަންތައްތަކާ ދުރުހެލިވާށެވެ:-

  • އުއްޑުން ނޫނީ ބަންޑުން އޮށޯތުން
  • މާގަދަޔަށް ކަސްރަތުކުރުން
  • ބަރުތަކެތި އުފުލައި ހެދުން
  • ނޭފަތްފޮޅުން ނޫނީ އަރިދަފުސް ހިފުން
  • ހޫނު ތަކެތި ބުއިން ނޫނީ ބަނގުރާ ބުއިން

ނޭފަތުން ލޭއައުން ހުއްޓުވައި ނޫނީ ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ނޭފަތް މާބޮޑަށް ހިކުނުނުދިނުން: އެގޮތުން ނޭފަތުއެތެރެ ހިކުނަ ނުދިނުމަށް ނޭފަތުގެ އެތެރޭގައި ޕެޓްރޯލިއަމް ޖެލް ކޮޅެއް ހާކާލެވިދާނެއެވެ.
  • ނޭފަތް ކޮށްޓައި ނުހެދުން: ނޭފަތުގައި ހިފާނަމަ މަޑުމަޑުން ބަލައިގެން ނޭފަތުގައި ހިފުން ނޫނީ އަރިދަފުސް ފޮޅާލުން މުހިއްމެވެ.
  • ގިނައިން ދިޔާތަކެތި ބުއިން: ނޭފަތާއި، ހިނދުރީގެ ތެތް ދުލިފަށަލަތައް ހިކުނަ ނުދިނުމަށްޓަކައި ވީހާސް ގިނައިން ދިޔާތަކެތި ބުއިމަކީ މުހިއްމު ކަމެކެވެ.
  • ނިދާކޮޓަރީގައި ހިއުމިޑިފަޔރއެއް ބެހެއްޓުން
  • ކިނބިހިއަޅާއިރު އަނގަ ހުޅުވާފައި ބެހެއްޓޭތޯ ބެލުން
  • އެއާކޮން ކޮށްފައި ހުންނަ ތަންތަނުގައި ގިނައިރު ހޭދަނުކުރުން

މައުލޫމާތު:

http://www.babycentre.co.uk/a255/nosebleeds-in-pregnancy
http://www.babycenter.com/0_nosebleeds-during-pregnancy_255.bc
http/://americanpregnancy.org/pregnancy-concerns/nosebleeds-during-pregnancy/
ނުވަމަހާއި ނުވަ ދުވަސް-ދަރިމައިވުމުގެ ޞިއްޙަތު-ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތު-މާލެ ދިވެހިރާއްޖެ {2008}

މިވެސް މުހިންމު