މޭގަނޑު (Liver) ނުވަތަ މެޔަކީ އިންސާނާގެ ހަށިގަނޑުގައިވާ އެންމެ ބޮޑު ގުނަވަނެވެ.މިއީ ހަށިގަނޑުގައި ހިންގާ މެޓަބޮލިޒަމްގެ މަސައްކަތުގައި މުހިއްމު ދައުރެއް އަދާކުރާ ގުނަވަނެކެވެ. މީގެ އިތުރުން ހަށިގަނޑުގައި ތަފާތު އެތައް މަސައްކަތްތަކެއް މިގުނަވަނުން އަދާކުރެއެވެ. އޭގެ ތެރޭގައި ގްލައިކަޖަން (Glycogen) ރައްކާކުރުން، ”ޕްލާޒްމާ ޕްރޮޓީން”(Plasma protein) އުފެއްދުން، އަދި ލޭގެ ތެރޭގައި ހުންނަ ވިހަސާފުކުރުން ހިމެނެއެވެ.
މޭގަނޑުގެ ބޮޑުބައި އޮންނަނީ ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި ޑައަފްރަމްގެ ތިރިން ބަނޑާއި މޭމަތި، ގުޅޭ ހިސާބުގައެވެ. މޭގަނޑުން “ބައިލް” (Bile) ކިޔާ ދިޔައެއް އުފައްދައެވެ. މިއީ ހަޖަމުކުރުމުގައި އެހީތެރިވެދޭ ދިޔައެވެ. ބޭސްވެރިކަމުގެ ދުނިޔޭގައި ބޭނުންކުރެވޭ ”ހެޕަޓިކް، ހެޕަޓޯ” (Hepatic/Hepato) ފަދަ ބަސްތައް ނިސްބަތް ކުރެވެނީ ފުރަމޭ އާއި ގުޅުންހުރި ކޮންމެވެސް ކަމަކަށް ނުވަތަ ތަނަކަށެވެ.
ނޯޓް : ދިވެހި ބައެއް ޑޮކްޓަރުންނާއި، ޞިއްޙީ ދާއިރާގެ ބޭފުޅުން ލިޔުއްވާފައިވާ ބައެއް ލިޔުންތަކުގައި މޭ ނުވަތަ މޭގަނޑަށް “ފުރަމޭ” މިނަން ބޭނުންކުރައްވާފައި ވެއެވެ. ނަމަވެސް ދިވެހި ބަހުގެ ރަދީފްގައިވާ ވާގޮތުން ފުރަމޭ އަކީ ” ލޭމަދުވެ ފޮއްސިވާ ބައްޔަކަށް ދިވެހި ބޭސްވެރިން ކިޔާނަމެއް. މިބަލި ޖެހުމުން ލޯ، ރީނދޫވެ، ބަނޑުފުފި ފޮއްސިވާނެއެވެ” އަދި ފުރަމޭވުމަކީ ” މޫނުބޯވެ ބަނޑުބޮޑުވެ މުޅިމީހާ ރީނދޫވުން ” އެވެ. މިމާނައަށް ބަލާއިރު ފަހަރުގައި މިއީ ހެޕަޓައިޓިސް ނުވަތަ މޭގަނޑު ދުޅަވުން ކަމަށް ވެސް ވެދާނެ އެވެ.
މޭގަނޑުގެ ވަޒީފީ ޔުނިޓް
މޭގަނޑުގެ ބަރުދަނުގައި އެވްރެޖް ގޮތެއްގައި 1.5 ކިލޯ ގްރާމް ހުރެއެވެ. މޭގަނޑުގެ ތެރޭގައި ހުންނަ ކުދިކުދި ވަޒީފީ ޔުނިޓް ތަކަށް ކިޔަނީ ”ލޮބިޔޫލް” (Lobule) އެވެ. މޭގަނޑުގެ ތެރޭގައި މިފަދަ ޔުނިޓްތައް 50 ހާހާއި 100 ހާހާއި ދެމެދުގެ އަދަދަކަށް ހުރެއެވެ. މިއިން ކޮންމެ ”ލޮބިޔޫލް” އެއް އުފެދިފައިވަނީ ”ހެޕަޓަސައިޓް”(Hepatocyte) ތައް އެތުރިގެން ހެދިފައިވާ ކޮލަމް ތަކަކުންނެވެ. ކޮންމެ ކޮލަމެއް އަނެއް ކޮލަމަކާ ވަކިކޮށްދެނީ ކުދިކުދި ލޭހޮޅިތަކުންނެވެ.
މޭގަނޑު އޮންނަތަން
މޭގަނޑުގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި، ޑައަފްރަމްގެ ތިރިން، ބަނޑާއި، މޭމަތި ގުޅޭ ހިސާބުގައެވެ.
މޭގަނޑުގެ ބައްޓަން
މޭގަނޑު އޮންނަނީ އަނބެއްގެ ބައްޓަމަށެވެ. މޭގަނޑުގައި 5 ފަރާތް ހުރެއެވެ. އެއީ މަތީ ފަރާތް، ތިރީ ފަރާތް، ކުރިމަތި ފަރާތް، ފަހަތް ނުވަތަ ފުރަގަހަށްވީ ފަރާތް، އަދި ކަނާތު އަރިމަތީ ފަރާތް އެވެ. ކަނާތު އަރިމަތީ ފަރާތަކީ އަނބެއްގެ ސިފަޔަށް ފުރަމޭ އޮންނައިރު އޭގެ ތިރީކޮޅެވެ. މޭގަނޑުގެ އެއް ފަރާތް އަނެއް ފަރާތާއި ވަކިކުރެވިފައި ހުންނަ ބޯޑަރުތައް އެހާ ރަގަޅަކަށް ނުހުރެއެވެ. ހަމައެކަނި ރަގަޅަށް ވަކިވެފައި އިންނަނީ ތިރީ ބޯޑަރު އެވެ. ތިރީ ބޯޑަރު އަކީ ކުރިމަތީ ފަރާތާއި، ކަނާތު އަރިމަތީ ފަރާތް، ތިރީ ފަރާތާއި ވަކިކޮށްދޭ ބޯޑަރެކެވެ.
މޭގަނޑުގެ ހުރިހާ ފަރާތްތަކެއް ނުވަތަ ހުރިހާ ހިސާބެއް ހުންނަނީ ”ޕެރިޓޯނިއަމް” (Peritoneum) އޭ ކިޔޭ ދުލިފަށަލަ އިން ނިވާކުރެވިފައެވެ. މިދުލިފަށަލައިން ނިވާނުވާ ތަންކޮޅެއް މޭގަނޑުގެ ތެރޭގައި އިނދެއެވެ. އެތަނަށްކިޔަނީ ”މޭގަނޑުގެ ހުސް ޖާގަ” (Bare area of liver) އެވެ.
މޭގަނޑު އޮންނަތަން
މޭގަނޑުގެ ބޮޑުބައެއް އޮންނަނީ އެތެރެހަށީގައި ހަށިގަނޑުގެ ކަނާތް ފަރާތުގައެވެ. އަދި އެތެރެހަށިން ހަށިގަނޑުގެ މެދާއި، އަދި ވާތް ފަރާތުގައި ވެސް ފުރަމޭގެ ބައެއް އޮވެއެވެ. މިގުނަވަން އޮންނަނީ ފުއްޕާމެޔާއި، ޑައަފްރަމްގެ ތިރިން، ބަނޑާއި، މޭމަތި ގުޅޭ ހިސާބުގައެވެ.