ދުނިޔޭގެ ޞިއްޙަތު ދުވަސް 2016

މިއަދަކީ ދުނިޔޭގެ ޞިއްޙަތު ދުވަހެވެ. ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަސް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ވަކި ޝިއާރަށް ކަނޑައަޅައި ފާހަގަކުރަމުން އާދެއެވެ. އާންމު ނަޒަރަކުން ބަލާއިރު މިދުވަސް ފާހަގަކުރެވެނީ ޞިއްޙީ ކަންކަމާމެދު އާންމުން ހޭލުންތެރިކުރާ ދުވަހެއްގެ ގޮތުގައެވެ. ރާއްޖޭގައި މިދުވަސް އަންނަނީ އެއަހަރެއްގެ ޝިއާރާ ގުޅޭގޮތަށް ބައްޓަން ކުރެވިގެން ތަފާތު ހަރަކާތްތަކާއެކު ފާހަގަ ކުރަމުންނެވެ. މިއަހަރު ދުނިޔޭގެ ޞިއްޙަތު ދުވަސް ފާހަގަ ކުރަނީ ހަކުރު ބައްޔާއި ގުޅުވައިގެންނެވެ. އެގޮތުން މިއަހަރަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަކީ ” ރައްކާތެރިވަމާ! ފަރުވާކުރަމާ! ހަކުރު ބަލީގެ މައްޗަށް ކުރި ހޯދަމާ!” މިއެވެ.

ހަކުރު ބައްޔާއި ގުޅުވައިގެން މިފަދަ ދުވަހެއް ފާހަގަ ކުރުމުގެ ބޭނުމަކީ ދުރާލާ ހަކުރު ބަލި ދެނެގަނެ، ފަރުވާކޮށް، ހަކުރު ބަލިން ދިމާވާ މައްސަލަތައް ކުޑަކޮށް، ހަކުރު ބަލިން ރައްކާތެރިވުމަށް އާންމުންނަށް ހިތްވަރުދީ އެކަމަށް ބާރުއެޅުމެވެ. މިފަހަކަށް އައިސް ބޮޑެތި މީހުންނަށްޖެހޭ ހަކުރު ބަލި ހަކުރު ބަލީގެ ދެވަނަ ވައްތަރު ކުޑަކުދިންނަށްޖެހޭ މިންވަރު އިތުރުވަމުން އަންނަކަން ވެސް ވަނީ ފާހަގަ ކުރެވިފައެވެ.

ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ތަފާސް ހިސާބުތައް ދައްކާގޮތުގައި ދުނިޔޭގައި ހަކުރު ބަލިޖެހިފައިވާ 422 މިލިޔަން މީހުން އެބަތިއްބެވެ. 2012 ވަނަ އަހަރު އެކަނިވެސް ހަކުރު ބައްޔާއި ސީދާ ގުޅުންހުރި ސަބަބުތަކުގައި 1.5 މިލިޔަން މީހުން ދުނިޔެ ދޫކޮށްފައި ވެއެވެ. ހަކުރު ބަލީގައި މަރުވާ ގިނަ މީހުން މަރުވަނީ ތަރައްގީވަމުން އަންނަ ގައުމުތަކުގައެވެ. ދުނިޔޭގެ އެންމެ ގިނައިން މީހުން މަރުވާ 4 ބަލީގެ ތެރޭގައި ހަކުރު ބަލި ހިމެނެއެވެ. ރާއްޖޭގައި ވެސް އެންމެ ގިނައިން މީހުން މަރުވާ ސަބަބުތަކުގެ ތެރޭގައި ހަކުރު ބަލި ހިމެނޭކަން ފާހަގަ ކުރެވެއެވެ.

މިއަހަރުގެ ޞިއްޙަތު ދުވަސް ހަކުރު ބައްޔަށް އަމާޒުކުރެވުނު މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަކުރު ބަލީގެ ހާލަތްތައް އިތުރުވަމުން އައުން، ހަކުރު ބައްޔަކީ ރައްކާތެރިވެވޭ ބައްޔަކަށްވުން، ހަކުރު ބައްޔަކީ ފަރުވާ ކުރެވޭ ބައްޔަކަށްވުން އަދި 2030 ވަނަ އަހަރާ ހަމައަށްދާއިރު ދެމެހެއްޓެނިވި ތަރައްގީގެ 3 ވަނަ ލަޑުދަނޑި ޙާޞިލްކުރުމަށް ޅައުމުރުގައި މީހުން މަރުވާ ނިސްބަތް ދަށްކުރުމަށް ހަކުރު ބައްޔަށް ފަރުވާކޮށް އެބަލިން ރައްކާތެރިވުން މުހިއްމުވުން ފަދަ ކަންތައްތައް ހިމެނެއެވެ.

ކޮންމެ އަހަރެއްގެ އެޕްރީލް މަހުގެ 7 ވަނަ ދުވަސް ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ގޮތުގައި ފާހަގަކުރަމަށް ނިންމާފައިވަނީ 1948 ގައި އޮތް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ފުރަތަމަ އާންމު ބައްދަލުވުމުގައެވެ. ނަމަވެސް ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ދުނިޔޭގެ ޞިއްޙަތު ދުވަސް ފުރަތަމަ ފާހަގަކޮށްފައިވަނީ 1950 ވަނަ އަހަރު ގައެވެ.

ދުނިޔޭގެ ޞިއްޙަތު ދުވަހުގެ ހަރަކާތަކީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރަސްމީ ސިފައެއްގައި ބައިނަލް އަގުވާމީ ފެންވަރެއްގައި ފާހަގަކޮށް، ހިންގާ 8 ހަރަކާތު(ކޭމްޕް)ގެ ތެރެއިން އެއް ހަރަކާތެވެ. ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ބައިނަލް އަގުވާމީ ފެންވަރެއްގައި ރަސްމީ ސިފައެއްގައި ފާހަގަކުރާ އަނެއް 7 ހަރަކާތަކީ، ދުނިޔޭގެ ޓީބީ ދުވަސް، ދުނިޔޭގެ ވެކްސިން ހަފްތާ، ދުނިޔޭގެ މެލޭރިޔާ ދުވަސް، ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލުނުކުރާ ދުވަސް، ދުނިޔޭގެ ލޭހަދިޔާކުރާ ދުވަސް، ދުނިޔޭގެ ހެޕަޓައިޓިސް ދުވަސް، އަދި ދުނިޔޭގެ އޭޑްސް ދުވަހެވެ.

މިވެސް މުހިންމު