އޮރެންޖު (ފޮނި ލުނބޯ)

ހުތް މޭވާއެއްގެ ގޮތުގައި ގުނާލެވޭ ފޮނި ލުނބޯ އަކީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ހައްދައިއުޅޭ މޭވާ އެކެވެ. މިއީ ޞިއްޙީ އެތަކެއް ފައިދާތަކެއް އެއިން ލިއްބައިދޭ މޭވާ އެކެވެ. ފޮނި ލުނބޯގެ ތަފާތު އެތައް ވައްތަރުތަކެއް ހުރެއެވެ. ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް އަބަދު ލިބޭ މިމޭވާއަކީ ތަފާތު ވިޓަމިންތަކާއި، މަޢުދަންތައް، އަދި ހަށިގަނޑަށް ފައިދާހުރި ތަފާތު މާއްދާތަކުން މުއްސަދި އަނގަޔަށް މީރު ހުތްފޮނި މޭވާ އެކެވެ.

އޮރެންޖުން ލިބޭ ޞިއްޙީ ފައިދާތައް

  • ކެންސަރުން ރައްކާތެރިކޮށްދިނުން: ފޮނި ލުނބޯ އަދި އެހެނިހެން ހުތް މޭވާ ތަކުގައި ހިމެނޭ ކަމްޕައުންޑް އެއް ކަމުގައިވާ “ޑީ-ލިމޮނީން” (D-Limonene) އަކީ ބައެއް ވައްތަރުގެ ކެންސަރުން ރައްކާތެރި ވުމުގައި ބޭނުންކުރެވިދާނެ މާއްދާއެއް ކަމަށްވަނީ ހޯދިފައެވެ. އެގޮތުން މިމާއްދާއިން ރައްކާތެރިކަން ފޯރުކޮށްދޭ ކެންސަރުގެ ވައްތަރުތަކުގެ ތެރޭގައި، ހަމުގެ ކެންސަރު، އުރަމަތީގެ ކެންސަރު، ފުއްޕާމޭގެ ކެންސަރު، އަނގައިގެ ކެންސަރު، އަދި ގޮހޮރުގެ ކެންސަރު ހިމެނެއެވެ. މީގެ އިތުރުން ފޮނި ލުނބޯ ގައި ހިމެނޭ ވިޓަމިން ސީ އަކީ ފްރީ ރެޑިކަލްތަކުން ހަށިގަނޑުގެ ސެލްތަކަށް ލިބޭ ގެއްލުމުން ސަލާމަތްކޮށްދޭ އެންޓި-އޮކްސިޑެންޓެކެވެ. މިއީ ވެސް ކެންސަރު ޖެހުމުން ދުރުކޮށްދޭނެ ކަމެކެވެ. ނާރިނގު ފަދަ މޭވާތަކުގައި ހުންނަ ކެރޮޓިނޮއިޑް އަދި ބީޓާ-ކްރިޕްޓޯޒެންތިން އަކީ އެކަމުގެ ސަބަބުން ފުއްޕާމޭގެ ކެންސަރު ޖެހުން ކުޑަކޮށްދޭނެ ކަމެއްކަމަށް ވެސް 2003 ވަނަ އަހަރު ޝާއިޢުކޮށްފައިވާ ރިޕޯޓްތަކެއްގައި ވެއެވެ.
  • ހަށިގަނޑުގައި ހިމެނޭ ސަރުބީގެ މިންވަރު ދަށްކުރުން: ފޮނި ލުނބޯ ގައި ހިމެނޭ އެންމެ މުހިއްމު އެއް ފްލޭވޮނޮއިޑް އަކީ “ހެސްޕެރިޑިން” (Hesperidin)އެވެ. ފޮނި ލުނބޯ ގައި ހިމެނޭ ހެސްޕެރިޑިން އަދި “ޕެކްޓިން” (Pectin)އަކީ ހަށިގަނޑުގައި ހިމެނޭ ސަރުބީގެ ނުރަގަޅު ވައްތަރު (Low Density Lipoprotein/LDL) ދަށްކުރާއެއްޗެއްކަން ވަނީ ހޯދިފައެވެ. ފޮނި ލުނބޯ އާންމުކޮށް ކައިއުޅޭ ބަޔަށްވުރެ، އޭގެ ތޮށީގެ އެތެރޭ ބައިގައި (މަޑު ހުދު އޮރެންޖުކުލައިގައިވާބައި) ހެސްޕެރިޑިންގެ މިންވަރު މައްޗެވެ. ޕެކްޓިން އަކީ ކާނާއިން ހަށިގަނޑަށް ސަރުބީ ނެގުން ނުވަތަ ދެމުން ދަށްކޮށް، ސަރުބީގެ މިންވަރު ދަށްކޮށްދޭ މާއްދާ އެކެވެ. މީގެ އިތުރުން ފޮނި ލުނބޯގެ ތޮށިގަނޑުގައި ހުންނަ އަލްކަލޮއިޑް “ސައިނެފްރިން”(Synephrine) އަކީ ފުރަމޭ އިން ސަރުބީ އުފެއްދުން ދަށްކޮށްދޭ މާއްދާ އެކެވެ. އަދި ނާރިނގުގައި ހިމެނޭ އެންޓިއޮކްސިޑެންޓްތަކުގެ  އެހީގައި ހަށިގަނޑުގައި ހިމެނޭ ނުރަގަޅު ސަރުބީ “އޮކްސިޑައިޒް” ކުރުމުން އޭގެ މިންވަރު ދަށްވެއެވެ.
  • ލޭމައްޗަށްދިއުން ކުޑަކުރުން ނުވަތަ ލޭދަށްކޮށްދިނުން: ދިރާސާތަކުން އެނގިފައިވާ ގޮތުގައި ފޮނި ލުނބޯގައި ހިމެނޭ ފްލޭވޮނޮއިޑް ހެސްޕެރިޑިން އަދި މެގްނީޒިއަމް އަކީ ލޭގެ ޕްރެޝަރު ދަށްކޮށްދޭ މާއްދާ ތަކެކެވެ.
  • ހިތާއި ލޭހޮޅިތަކުގެ މަސައްކަތްތަކަށް ލިބޭ ފައިދާތައް: ފޮނި ލުނބޯގައި ފޮލިކް އެސިޑް، ޑައެޓްރީ ފައިބަރު، އަދި ހެސްޕެރިޑިން ހިމެނެއެވެ. މިއީ ހިތާއި ލޭހޮޅިތަކުގެ ނިޒާމް މަސައްކަތްތައް ސީދާގޮތެއްގައި ކުރިއަރުވައި ރަގަޅުކޮށްދޭ މާއްދާ ތަކެކެވެ. އެހެންކަމުން ދުވާލަކު ފޮނި ލުނބޯ އެއް ކެއުމަކީ ހިތާއި ލޭހޮޅިތައް ދުޅަހެޔޮކަންމަތީ ބަހައްޓައިދޭނެ ކަމެކެވެ. މީގެ އިތުރުން ފްލޭވޮނޮއިޑް އަދި ވިޓަމިން ސީ ހުރުމަކީ ވެސް ހިތުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެކެވެ.
  • ރާއްޖެބައްޔަށް ނުވަތަ ހުޅުތައް ދުޅަވުމުގެ ބައްޔަށް ފަރުވާދިނުން: އިގިރޭސި ވިލާތުގެ އާތްރައިޓިސް ރިސާރޗް ކެމްޕޭން އެޕިޑެމިއޮލޮޖީ ޔުނިޓުން ހެދި ދިރާސާއަކަށްފަހު، މަޝްވަރާދީފައިވާ ގޮތުން، ކޮންމެ ދުވާލަކު ތާޒާ ފޮނި ލުނބޯ ޖޫސް ތައްޓެއް ބުއިމަކީ، ރާއްޖެ ބަލި ފަދަ ހުޅުދުޅަވުމުގެ ބަލިތައް(Rheumatoid Arthritis) ޖެހުމުގެ ފުރުޞަތު ކުޑަކޮށްދޭ ކަމެއްކަމަށެވެ. އޭގެ ފަހުން “އެމެރިކަން ޖާނަލް އޮފް ކްލިނިކަލް ނިއުޓްރިޝަން” އިން ހެދި ދިރާސާއަކުން މިކަމަށް އިތުރު ހެކިތައް ލިބިފައިވެއެވެ. އެހެން ދިރާސާއަކުން އެނގިފައިވާ ގޮތުގައި ކެރޮޓިނޮއިޑް، ޒީޒެންތިން، ، ބީޓާ-ކްރިޕްޓޯޒެންތިން ފަދަ ފައިޓޮނިއުޓްރިއެންޓް ތައް ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނުމަކީ މިދެންނެވި ފަދަ ހުޅުގެ ބަލިތަކުން ދުރުކޮށްދޭނެ ކަމެކެވެ.
  • ޞިއްޙަތު ރަގަޅު ދުޅަހެޔޮ ދަރިފަނި އުފެއްދުން: ފޮނި ލުނބޯގައި ހިމެނޭ ފޮލިކް އެސިޑް އަކީ ދަރިފަންޏެއްގެ ފުރިހަމަކަމަށް ބޭނުންތެރި މާއްދާ އެކެވެ. އަދި ފޮލިކް އެސިޑް އަކީ ދަރި ފަންޏަށް ވިރާސީ ބަދަލުތައް އައުމުން މިންޖުކޮށް، އުފަންވާއިރު ތުއްތު ދަރިފުޅުގައި ޢައިބުހުރުމުން ވެސް މިންޖުކޮށްދޭ މާއްދާ އެކެވެ. އަދި ފޮލިކް އެސިޑް އަކީ ސިކުނޑި އުފެދި ބޮޑުވެ، ފުރިހަމަވުމަށް ވެސް ބޭނުންތެރި މާއްދާ އެކެވެ. ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ ދުވަހަކު ފޮނި ލުނބޯއެއް ކެއުމަކީ ދަރިފަނީގެ ޞިއްޙަތު ރަގަޅުކޮށް އިތުރުކޮށްދޭނެ ކަމެކެވެ.
  • ދިފާއީ ނިޒާމް ވަރުގަދަކުރުން: ފޮނި ލުނބޯ ވިޓަމިން ސީ އިން މުއްސަދި ވެފައިވުމަކީ އެކަމުގެ ސަބަބުން ލޭގެ ހުދުތައް އުފެއްދުމަށް ބާރުއަޅާނެ ކަމެކެވެ. ލޭގެ ހުދު ސެލްތަކަކީ ދިފާޢީ ނިޒާމްގައި ޝާމިލްވާ ސެލްތައް ކަމަށްވުމުން ހުދު ސެލްތައް ގިނައިން އުފެދުމުން، ދިފާޢީ ނިޒާމް ރަގަޅުވެ ހަރުދަނާ ވާނެއެވެ.
  • ގުރުދާގައި ހިލަ އުފެދުމުން ރައްކާތެރިކޮށްދިނުން: އާންމުކޮށް ފޮނި ލުނބޯ ޖޫސް ބުއިމަކީ ގުރުދާގައި ހިލަ އުފެދުމުގެ ފުރުޞަތު ދަށްކޮށްދޭނެ ކަމެކެވެ. ދިރާސާއަކުން އެނގިފައިވާ ގޮތުގައި އެހެން ބާވަތްތަކުގެ ހުތް ޖޫސްތައް ބޭނުންކުރުމަށްވުރެ، ފޮނި ލުނބޯ ޖޫސް ބުއިމުން ގުރުދާގައި ހިލަ އުފެދޭ މިންވަރު ދަށްވާލެއް ބޮޑުވެދާނެ އެވެ. ކޮންމެ ދުވަހަކު ފޮނި ލުނބޯ ފަނި ނުވަތަ ޖޫސް ބުއިމަކީ ގުރުދާގައި “ކެލްސިއަމް އޮކްސަލޭޓް”(Ca+ Oxalate) އެކުލެވޭ ހިލަ އުފެދުން ކުޑަކޮށްދޭ ކަމެކެވެ.
  • ހަށިގަނޑުގެ ބަރުދަން ލުއިކުރުމަށް އެހީތެރިވުން: ފޮނި ލުނބޯގައި ހަކަތަ އެކުލެވެނީ މަދު މިންވަރަކަށެވެ. އަދި ޑައެޓްރީ ފައިބަރު ހުރުމަކީ އެކަމުގެ ސަބަބުން ފުރިފައި ހުންނަ އިހްސާސެއް ގެނެސްދޭނެ ކަމެކެވެ. ނަތީޖާއެއްގެ ގޮތުން ކާން ބޭނުންވާ މިންވަރު އަދި ކެވޭ މިންވަރު މަދުވެ، ބަރުދަން ލުއިވާގޮތް ވެއެވެ.
  • ހަމުގެ ޞިއްޙަތަށް ރައްކާތެރިވުން: ފޮނި ލުނބޯގައި އެންޓި-އޮކްސިޑެންޓް ހުރުމަކީ ހަމަށް ފްރީ ރެޑިކަލްގެ ސަބަބުން ލިބޭ އަނިޔާއިން މިންޖުކޮށް، އުމުރުން ދުވަސްވުމުން ހަމަށް އަންނަ ބަދަލުތައް ކުޑަކޮށްދޭނެ ކަމެކެވެ.
  • ތަފާތު އިންފެކްޝަންތަކުން މިންޖުކޮށްދިނުން: ފޮނި ލުނބޯގައި ފްލޭވޮނޮއިޑް “ޕޮލީފީނޯލް” (Polyphenol) ހިމެނިފައި ހުރުމަކީ ތަފާތު ވައިރަސްގެ ބަލިތަކުން މިންޖުކޮށްފާނެ ކަމެއްކަމަށް ބެލެވިފައި ވެއެވެ. އަދި ވިޓަމިން ސީ ގިނައިން ހުރުމުން އެކަމުގެ ސަބަބުން، ދިފާޢީބާރު ރަގަޅުވެ، ބަލިތަކާ ދުރުކޮށްދެއެވެ.
  • ބަނޑުހިކުމުން ދުރުކޮށްދިނުން: ފޮނި ލުނބޯގައި ޑައެޓްރީ ފައިބަރު ގިނައިން ހުރުމަކީ ހަޖަމުކުރުމުގައި ބައިވެރިވާ ދިޔަތައް، މައިދާއާއި ގޮހޮރުގެ ސެލްތަކުން ދޫކުރުމަށް އެހީތެރިވެ، ގޮހޮރުގެ ހަރަކާތް އަވަސްކުރުވައި، ފަސޭހަ ކަމާއެކު ބޮޑުކަމުދިއުމަށް އެހީތެރިވެދޭނެ ކަމެކެވެ.
  • ކަށިތަކާއި ދަތްތައް ރަގަޅަށް ބެހެއްޓުން: ފޮނި ލުނބޯގައި ކެލްސިއަމް ގިނައިން ހުރުމަކީ ކަށިތަކާއި ދަތްތައް ވަރުގަދަކޮށްދީ، ރައްކާތެރިކަންމަތީ ބަހައްޓައިދޭނެ ކަމެކެވެ.
  • ބަނޑާއި ގޮހޮރުގެ ފާރުން ރައްކާތެރިކޮށްދިނުން: ފޮނި ލުނބޯގައި މަތީ މިންވަރަކަށް ޑައެޓްރީ ފައިބަރު ހުރުމަކީ މައިދާ އަދި ގޮހޮރުގައި ފާރު އުފެދުމުން ރައްކާތެރިކޮށްދޭނެ ކަމެކެވެ. ދިރާސާއަކުން އެނގުނު ގޮތުގައި ކޮންމެ ދުވަހަކު ފޮނި ލުނބޯއެއް ކެއުމަކީ ގޮހޮރުގެ ފާރު އުފެދުމުން މިންޖުކޮށްފާނޭ ކަމެކެވެ. އަދި ހަމަ މިގޮތަށް ފޮނި ލުނބޯ ގައި ވިޓަމިން ސީ ގިނަ މިންވަރަކަށް އެކުލެވުމަކީ ވެސް މައިދާއާއި ގޮހޮރުގައި ފާރު އުފެދުން ކުޑަކޮށްދީ، މައިދާގެ ކެންސަރުން ދުރުކޮށްދޭނެ ކަމެކެވެ.

މަޢުލޫމާތު:-

http://www.healthonlinezine.info/
health-benefits-of-oranges-nutritional-value-of-orange.html
http://www.nutrition-and-you.com/orange-fruit.html
http://www.juicing-for-health.com/oranges-health-benefits.html
http://www.whfoods.com/genpage.php?tname=foodspice&dbid=37

މިވެސް މުހިންމު