މާބަނޑުދުވަސްވަރު އައްސިވުން

މާބަނޑު ދުވަސްވަރު – އަތްތިލައާއި، އިނގިލިތައް އައްސިވުން

ބަލިވެއިންނަ %70 އަންހެނުންނަށް ދެއަތްތިލައާއި، އިނގިލިތައް އައްސިވުން މާބަނޑުވުމަށްފަހު ކޮންމެވެސް ދުވަސްވަރެއްގައި ކުރިމަތިވެއެވެ. ނަމަވެސް އާންމުކޮށް ގިނަ މީހުންނަށް މިކަން ކުރިމަތިވަނީ ބަލިވެއިނުމަށްފަހު، އެންމެ ފަހު6 މަހުގެ ތެރޭގައި ޚާއްޞަކޮށް އެންމެ ފަހު 3 މަހުގެ ތެރޭގައެވެ. ޚާއްޞަކޮށް އަތްފައި ފޮއްސިވާން ފެށުމަށްފަހުގައެވެ.

ސަބަބު

މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކަށް ތަދުވެ، ކަށިހަރާހެންހީވެ، އައްސިވުން ކުރިމަތިވަނީ ”ކާޕަލް ޓަނެލް ސިންޑްރޯމް”(Carpal tunnel syndrome)ކިޔާ ބައްޔެއްގެ ސަބަބުންނެވެ. ”ކާރޕަލް ޓަނެލް” އަކީ އަތުކުރި ނުވަތަ ކުޑަހުޅުގައި އިންނަ ”ޓަނެލް” އެކެވެ. ބޮޑުވައި އިގިލި،ޝަހާދަތް އިގިލި، މެދު އިގިލި، އަދި ކަށި އިގިލީގެ  ހަރަކާތްތައް ކޮންޓްރޯލްކުރާ ފަތިނާރު(Median nerve) ދަނީ މި”ޓަނެލް”ގެ ތެރެއިންނެވެ. ”ކާޕަލް ޓަނެލް ސިންޑްރޯމް” ޖެހުމުން މި”ޓަނެލް” ދުޅަވެ، ކުރިން ދެންނެވުނު ނާރުފިތި އަތްތިލައާއި އިގިލިތައް އައްސިވާގޮތްވެއެވެ.

މާބަނޑު ދުވަސްވަރު އަތްތިލަ ދުޅަވެ، ފޮއްސިވުމަކީ ވެދާނެ ގޮތެކެވެ. މިގޮތަށް ފޮއްސިވެ ދުޅަވުމުން، ކާޕަލް ޓަނެލް އަށް ފިއްތާނެއެވެ. މާނައަކީ ކާޕަލް ޓަނެލްގެ ތެރެއިން ގޮސްފައިވާ ފަތިނާރަށް ވެސް ފިއްތާނެއެވެ. މިހެންވުމުން އަތްތިލައާއި، އިނގިލިތައް އައްސިވެ، ކަށިހަރާހެން ހީވާނެއެވެ.

ކާޕަލް ޓަނެލް ސިންޑްރޯމްގެ އަލާމާތްތައް

ކާޕަލް ޓަނެލް ސިންޑްރޯމް އުނދަގޫތައް ބޮޑަށް ކުރިމަތިވަނީ ނޫނީ ގޯސްވަނީ ރޭގަނޑުގެ ވަގުތުތަކުގައެވެ. ހަދާންކުރަންވީ މިއަލާމާތްތަކަކީ އަބަދު ފެންނަން ހުންނަ އަލާމާތްތަކެއް ނޫންކަމެވެ. މާނައަކީ އަލާމާތްތައް ފެނިލާފައި ރަނގަޅުވެފައި، އަނެއްކާވެސް އަލާމާތްތައް ފެނުމަކީ އެކަށީގެންވާ ކަމެކެވެ. އާންމުކޮށް ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި :-

  • ދެއަތްތިލައާއި، އިނގިލިތައް އައްސިވުން: ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ އައްސިވުން
  • ދެއަތްތިލައާއި، އިނގިލިތަކުގައި ރިއްސުން: ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ ގައި ރިއްސުން
  • ދެއަތްތިލައާއި އިނގިލިތަކުގައި ކަށިހަރާހެން ހީވުން : ޚާއްޞަކޮށް ދެއަތްތިލައިގެ ބޮޑުވައި އިނގިލި، ޝަހާދަތް އިނގިލި، މެދު އިނގިލި، އަދި ކަށި އިނގިލީގެ މެދު އިނގިއްޔާއި ކައިރިއަށްވީ ½ ގައި ދިލަނަގައި، ކަށިހަރާހެން ހީވުން
  • ދެއަތްތިލައާއި، އަތުކުރި، އަދި މުލައްދަނޑީގައި ރިހުން
  • ދެއަތްތިލައާއި، އިނގިލިތަކުގެ ވަރުދެރަވެ، އަތުގެ އިނގިލިތައް ބޭނުންކޮށްގެން ކަންކަން ކުރަން އުނދަގޫވުން
  • ދެއަތްތިލައާއި، އިނގިލިތައް ދުޅަވުން، ނޫނީ ދެއަތްތިލައާއި، އިނގިލިތަކުގެ ހަން ހިކިފައިހުރުން

މާބަނޑު ދުވަސްވަރު ދެއަތްތިލައާއި، އިނގިލިތަކުގެ އައްސިވުން ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

  • ދެއަތްތިލަ ހަރަކާތްކުރުން (ހެލުވުން) އިތުރުކުރުން: މިގޮތަށް ހެދުމުން ތަދާއި، އައްސި ކުޑަވުމަށް އެހީތެރިވެދެއެވެ.
  • ރޭގަނޑު ދެއަތްތިލައަށް ތަދުވެގެން ނިދިން ހޭލެވޭނަމަ ނިދަން އޮންނަގޮތް ބަދަލުކުރުން
  • ކަށިހަރައިގެންދޭ ފަރުވާ ނެގުން: ނަމަވެސް މިފަދަ ކަމެއް ކުރަންވާނީ ޑޮކްޓަރަކާ މަޝްވަރާކުރުމަށްފަހު، އެކަމުގެ ފަންނާއި، ހުނަރާއި، ތަމްރީނު ރަނގަޅަށް ލިބިފައިވާ ފަންނުވެރިއެއްގެ އެހީގައެވެ.
  • އަތްތިލައާއި، އިނގިލިތަކުގައި ހުންނަ ދުޅަ ތިރިކުރުމަށް ބާރުގަދަ ބޭސްތައް ބޭނުންނުކުރުން
  • ކަސްރަތުކުރުން: ކަސްރަތުކުރުމަކީ އައްސިވުން ކުޑަކޮށްދޭ ކަމެކެވެ.
  • ނިދާއިރު އަތްމަތީގައި ބޯއަޅައިގެން ނުނިދުން: ރޭގަނޑު ނިދާއިރު އަތްމަތީގައި ބޯއަޅާލައިގެން ނިދުމަކީ ރަގަޅުކަމެއް ނޫނެވެ. މިގޮތަށް އޮވެ ނިދުމުން ”ޓަނެލް”އަށް ޕްރެޝަރ އިތުރުވެ، އައްސިވުން ގަދަވެއެވެ.
  • ދެއަތްތިލައާއި އިނގިލިތައް ބޭނުންކޮށްގެން ކުރަންޖެހޭ މަސައްކަތްތަކާ ދުރުހެލިވުން: މިސާލަކަށް ޓައިޕްކުރުން
  • ރޭގަނޑު ނިދާގަޑީގައި ދެއަތްތިލައާއި އަތުކުރި، ނުލެއްބޭނެ (ގުދުނުވާނެ)ގޮތް ހެދުން: އެގޮތުން ދެއަތްތިލައާއި އަތުކުރި ގުދުނުވެ، ސީދަލަށް ސާބިތުކަންމަތީ ބެހެއްޓުމަށްޓަކައި ނިދާގަޑީގައި އޮއްޓު އެއް ފަދަ އެއްޗެއް އަތުގައި ހަރުކުރެވިދާނެ އެވެ.

މައުލޫމާތު:
http://www.babycentre.co.uk/a234/carpal-tunnel-syndrome-in-pregnancy
http://www.babycenter.com/0_carpal-tunnel-syndrome-during-pregnancy_234.bc

ކިޔާފައިވާ ޢަދަދު:25,089

މިވެސް މުހިންމު