މާބަނޑު ދުވަސްވަރު – ބޮލުގައި ރިހުން

ބޮލުގައި ރިހުމަކީ ވެސް ބަލިވެއިނުމަށްފަހު ވިހެއުމާއި، ދޭތެރޭ ކޮންމެ ދުވަސްވަރެއްގައި ވެސް ކުރިމަތިވެދާނެ ކަމެކެވެ. މިއީ މާބަނޑު އަންހެނުންގެ އެންމެ އާންމު އެއް ޝަކުވާ އެވެ. އާންމުގޮތެއްގައި މިއީ އެހާ ސީރިއަސް މައްސަލައެއް ނޫނެވެ. އެކިމީހުންނަށް ބޮލުގައި ރިހުން ކުރިމަތިވާ މިންވަރާއި، ގިނަމަދުމިން ތަފާތެވެ. އެންމެ އާންމުކޮށް މާބަނޑު ދުވަސްވަރު ވެސް ކުރިމަތިވަނީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުގެ ސަބަބުން ކުރިމަތިވާ ބޮލުގައި ރިހުމެވެ.

ސަބަބު

  • ފުރަތަމަ 3 މަހުގައި ބޮލުގައި ރިއްސާ ސަބަބުތައް:
    • ބަލިވެއިނުމާއި ގުޅިގެން ހޯރމޯންތަކަށް އަންނަ ބަދަލުއައުން
    • ލޭގެ މިންވަރު (ވޮލިޔުމް) އިތުރުވުން
  • ފަހު 3 މަހުގައި ބޮލުގައި ރިއްސާ ސަބަބުތައް:
    • ހަށިގަނޑު ބެހެއްޓޭ ނުވަތަ ބޭއްވޭ ގޮތް ރަގަޅުނުވުން
    • މާބޮޑަށް ފަލަވެ، ބަރުހެލިވުން
    • ބަލިވެއިނުމާއި ގުޅިގެން ލޭމައްޗަށްދިއުން
  • އާންމުކޮށް ބޮލުގައި ރިއްސާ ސަބަބުތައް:
    • ނޭފަތު ގެ ވަށައިގެން ހުންނަ ވައިވައްދާ ހުސްތަންތަން ގައި ”އިންފްލެމޭޝަން” އުފެދުން
    • ވަރުބަލިވުން
    • ލޭގައި ހަކުރުގެ މިންވަރު ދަށްވުން
    • ރަގަޅަށް ނުނިދުން (ނިދި ފުރިހަމަނުވުން)
    • ހަށިގަނޑުން ފެނާއި، ލޮނު މަދުވުން
    • ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުން އިތުރުވުން
    • ކެފޭއިން ބޭނުންކުރުން މަދުކޮށްލުން: މިސާލަކަށް ކޮފީބުއިން، ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން
    • ލޮލަށް ބާރުކުރުން
    • މާބޮޑަށް ދެރަވެ މާޔޫސްވެ، މޮޅިވެރިވުން (ހިތާމަކުރުމުގެ ބަލި)
    • މާބޮޑަށް ބަނޑުހައިވުން

އާންމު ގޮތެއްގައި ފުރަތަމަ 3 މަހުގެ ތެރޭގައި ހޯރމޯންތަކުގެ މިންވަރު އިތުރުވެ، ލޭގެ މިންވަރު އިތުރުވުމުން ވަރަށް ގިނައިން ބޮލުގައި ރިއްސުމަކީ ވެދާނެ ގޮތެކެވެ. އަދި މިގޮތުން ހުންނަ ބޮލުގައި ރިހުން ފިކުރުބޮޑުވުން، ހަށިގަނޑު ބެހެއްޓޭ ނުވަތަ ބޭއްވޭ ގޮތަކުން އިތުރަށް ގޯސްވުމަކީ ވެދާނެ ކަމެކެވެ.

ޕްރޯޖެސްޓަރޯން ހޯރމޯން އަކީ ރަހިމުގެ ހަމައަކަށް އަޅުވައިދީ، ލޭހޮޅިތައް ފުޅާކޮށްދޭ ހޯރމޯން އެކެވެ. ބޮލާއި، ކަދުރާގައި ހުންނަ ލޭހޮޅިތައް ފުޅާވެ، އޭގެތެރެއިން ލޭމާގިނައިން ދާން ފެށުމުން، ބޮލުގައި ރިހުމަކީ ވެދާނެ ގޮތެކެވެ. މާބަނޑުވުމުން ލޭގެ ޕްރެޝަރު މަތިވުމަކީ ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުމުން ކުރިމަތިވާ ބޮލުގައި ރިހުން އިތުރަށް ގޯސްކޮށްފާނެ ކަމެކެވެ. އާންމު ގޮތެއްގައި ބަލިވެއިނުމުގެ ކުރިން ވެސް ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ ބައެއް މީހުންނަށް މާބަނޑުވުމުން ލުއިކަން ލިބޭކަން ފާހަގަކުރެވެއެވެ. ނަމަވެސް ބައެއް މީހުންނަށް މާބަނޑުވުމުން ބޮލުގެ އެއްފަޅީގައި ރިހުމުގެ މައްސަލަ، އިތުރަށް ގޯސްވާ ފަހަރުވެސް އާދެއެވެ.

ކުޑަކުރުމަށް ކުރެވިދާނެ ކަންތައްތައް

ދިރިއުޅުމުގައި ދިމާވާ ފިއްތުންތަކާއި، ފިކުރުބޮޑުވުންތަކުން ކުރިމަތިވާ ބޮލުގައި ރިހުން ކުޑަކުރުމަށް އަންނަނިވި ކަންތައްތަކުން އެހީތެރިކަން ހޯދިދާނެ އެވެ.

  • ހަށިގަނޑު ބެހެއްޓޭ/ބޭއްވޭގޮތް ރަގަޅުކުރުން
  • އެކަށޭނަވަރަކަށް އަރާމުކުރުން: އެގޮތުން ފަނޑު(އަދިރި)، ހިމޭން ތަނެއްގައި ލޯމަރާލައިގެން އޮވެ އަރާމުކުރެވިދާނެ އެވެ
  • ބަރާބަރަށް ކެއުން، އަދި ހަށިގަނޑަށް ފައިދާހުރި ކާތަކެތި ކެއުމުގައި ހިމެނުން: ބޮޑަށް އެދެވިގެންވަނީ އެއްފަހަރާ ބައިވަރު ކެއުމުގެ ބަދަލުގައި ކުދިއެތިކޮޅުކޮޅުން، އިރުއިރުކޮޅާ ކަމުން ގެންދިއުމެވެ.
  • ގިނަގިނައިން (ދިޔާތަކެތި) ނުވަތަ ފެންބުއިން: ގިނައިން ދިޔާތަކެތި ބުއިމަކީ ބޮލުގެ ރިހުން ކުޑަކޮށްދޭނެ ކަމެކެވެ.
  • ތާފަނާ، ނުވަތަ ފިނިފެނުން ފޮތިގަނޑެއް ތެންމާލުމަށްފަހު ބޮލާއި ނިއްކުރި މަތީގައި އަޅާލުން
  • ތާފަނާ ނުވަތަ ކޮންމެވެސް ވަރަކަށް ފިނި ފެނުން ފެންވެރުން
  • މަސާޖުކުރުން: އެގޮތުން ކަރާއި،ކަދުރާ،މޫނާއި،ބޯ މަސާޖުކުރުމުން ބޮލުގައި ރިހުން ލުއިކޮށްދެއެވެ.
  • ނިދިފުރިހަމަކުރުން: އެއްގަޑިއަކަށް ނިދާފައި، އެއްގަޑިއެއްގައި ހޭލަން އާދަކުރެވިދާނެ އެވެ.
  • ގަވާއިދުން ކަސްރަތުކުރުން: އެގޮތުން ހިނގާލުން، އެރޯބިކްސް ފަދަ ކަސްރަތެއް ކޮށްލެވިދާނެ އެވެ.
  • ދިރިއުޅުމުގައި ދިމާވާ ފިއްތުންތައް ކުޑަކޮށް، ފިކުރުތަކާ ދުރުހެލިވުން

ހަދާން ބަހައްޓަންވީ ބުރޫފަން، އެސްޕިރިން ފަދަ ތަދުކެޑުވުމަށް އުފައްދާފައި ހުންނަ ބޭސްތައް މާބަނޑު ދުވަސްވަރު ބޭނުންކުރުމަކީ ރަގަޅު ކަމެއް ނޫނެވެ. ޕެނަޑޯލް ބޭނުންކުރެވިދާނެ އެވެ. އާންމުކޮށް ބޮލުގެ އެއްފަޅީގައި ރިހުމަށްދޭ ބޭސްތައް ވެސް މާބަނޑު ދުވަސްވަރު ބޭނުންކުރުން ރަގަޅެއް ނޫނެވެ.

މާބަނޑު ދުވަސްވަރު ބޮލުގެ އެއްފަޅީގައި ރިހުން ހުންނަ މީހެއްނަމަ، ބޮލުގެ އެއްފަޅީގައި ރިހުން ގޯސްކޮށްފާނެ ކަންތައްތަކާ ތަކެއްޗާއި، ދުރުހެލިވުން މުހިއްމެވެ. އާންމުކޮށް ބޮލުގެ އެއްފަޅީގައި ރިހުން ގޯސްކުރާ ކަންތައްތައްތަކާ، ތަކެތީގެ ތެރޭގައި:-

  • ޗޮކްލެޓް
  • ޗީޒް
  • ޔޯގަޓް
  • ބަނގުރާބުއިން
  • ޕީނަޓް
  • ޔީސްޓް އަޅައިގެން ހަދާފައި ހުންނަ ޕާން
  • ދަޅުގައި ބަންދުކޮށްފައި ހުންނަ އެއްގަމު މަސް ފަދަ ތަކެތި
  • މާހުތްކޮށް ހުންނަ ކްރީމް

ބޮލުގައި ރިހުން ހުރުމާއިއެކު، މޭނުބައިކުރުން، ހުންއައުން، ލޮލުގެ ކުރިމަތީގައި އެތިކޮޅުތަކެއް އުޅޭހެން ހީވުން، ލޮލުގެ ފެނުންކޮށިވުން، ބަނޑުގެ ކަނާތްފަރާތުން މަތީގައި ރިހުންހުރުން، މޫނާއި، އަތްފައި ފޮއްސިވެ ދުޅަވުން، ބޮލުގައި ރިހުން ރަގަޅުނުވެ، ގިނައިރުތަކެއްވުން އަދި ބޭސް ބޭނުންކުރުމުން ބޮލުގައި ރިހުން ލުއިނުވުން، މިއިންކަމެއް މެދުވެރި ވެއްޖެނަމަ ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެދެވިގެންވާ ކަމެކެވެ. ބޮލުގައި ރިހުމަށް ބޭހެއް ނެގުމުގެ ކުރިން ޑޮކްޓަރެއްގެ ލަފަޔާ އިރުޝާދު ހޯދުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.

މައުލޫމާތު:

http://www.mayoclinic.org/healthy-lifestyle/pregnancy-week-by-week/expert-answers/headaches-during-pregnancy/faq-20058265
/http://www.americanpregnancy.org/pregnancy-health/headaches-and-pregnancy/
http://www.babycentre.co.uk/a549297/headaches-natural-remedies
http://www.babycenter.com/0_headaches-during-pregnancy_2035.bc

ކިޔާފައިވާ ޢަދަދު:24,824

މިވެސް މުހިންމު