ސްޓްރޯކް ޖެހުން

ސްޓްރޯކް ޖެހު(stroke)މަކީ ނުވަތަ އެއްފަޅި ވާގިނެތުމަކީ މުޅި ހަށިގަނޑުން(ހަށިގަނޑުގެ ބަޔަކުން) ބާރުކެނޑޭ ބައްޔެކެވެ. މިބައްޔަށް ބައެއް ފަހަރު އެއްފަޅި ވާގިނެތޭ ބައްޔޭ ވެސް ކިޔައެވެ. ލޭމައްޗަށް ދިއުމުގެ ސަބަބުން ސިކުނޑީގެ ލޭހޮޅިއެއް ފެޅުން ނުވަތަ ބެދުމަށް ބޭސްވެރިކަމުގެ ބަހުރުވައިގައި ކިޔަނީ ”ސްޓްރޯކް”(stroke) އެވެ. އަދި ބައެއް ފަހަރު މަދުން ނަމަވެސް ”ބްރެއިން އެޓޭކް”(brain attack) އޭ ވެސް ކިޔައެވެ.

ސްޓްރޯކްގެ ސަބަބުން ސިކުނޑީގެ ވަކި ހިސާބަކަށް ލޭގެންގޮސްދޭ ހޮޅި ބަންދުވެ، އެހިސާބަށް ލޭދިއުމަށް ހުރަސްއެޅި، އެހިސާބަށް ލިބެންޖެހޭ އޮކްސިޖަން އާއި ގުލްކޯޒް ނުލިބުމުގެ ނަތީޖާއަކީ ސިކުނޑީގެ ވަކި ހިސާބަކަށް ލޭނުލިބި އެހިސާބުގެ މަސައްކަތްހުއްޓި ސިކުނޑީގެ އެބައި މަރުވުން އެވެ. އަދި މިކަމަށް އަވަސް ފަރުވާ ނުދެވިއްޖެނަމަ އެގެއްލުމަކީ ރަގަޅު ނުކުރެވޭ ދާއިމީ ގެއްލުމަކަށް ވެދާނެއެވެ.

ސްޓްރޯކްޖެހުމަކީ ސިކުނޑިއަށް ލޭފޯރުކޮށްދޭ ނާރެއް ބެދުން ނުވަތަ ފަޅައިގެން ދިއުމުގެ ސަބަބުން ސިކުނޑިއަށް ލޭލިބުން ދަށްވެ މައްސަލަތައް ކުރިމަތިވުމެވެ. މީގެ ސަބަބުން ހަށިގަނޑުގެ ބައެއް ގުނަވަންތަކުގެ ހަރަކާތް ހުއްޓުން، ހަށިގަނޑުގެ އެއްފަރާތަށްވާގިނެތޭ ބަލިޖެހުން، އަދި ވާހަކަ ނުދެއްކި ހޭނެތިފައި އޮންނަގޮތް ދިމާވެއެވެ. ސްޓްރޯކްޖެހޭ 70 އިންސައްތަ މީހުންނަށް މިމައްސަލަ ދިމާވަނީ ލޭމައްޗަށް ދިއުމުގެ ސަބަބުންނެވެ.

ސްޓްރޯކް ޖެހުމަކީ ސިކުނޑީގައި އުފެދޭ ޒަޚަމެކެވެ. ސްޓްރޯކް ޖެހެން ދިމާވާ ސަބަބަކީ ސިކުނޑީގެ ލޭނާރެއް ބެދިގެން، ނުވަތަ ފެޅިގެން ލޭބޭރުވެ، ބޭނުންވާ މިންވަރަށް ސިކުނޑިއަށް ލޭނުލިބުމެވެ. މިގޮތަށް ދިމާވަނީ ސާފުލޭ ދަތުރުކުރާ ލޭހޮޅިތަކުގެ “ކޮބަނޑި ގަނޑެއް”(plaque) ހެން ސަރުބީ ޖަމާވުމާ، ގަނޑުލޭކޮޅު(blood clot) އުފެދި އޭގެ ސަބަބުން ލޭހޮޅި ބެދުމުންނެވެ. މިފަދަ އެތިކޮޅު ތައް ހިތުގެ މަގުން ވެސް ސިކުނޑިއަށް އާދެއެވެ. ސާފުލޭހޮޅި ތަކުގައި އުފެދޭ ގަނޑުލޭކޮޅު ބައެއް ފަހަރު ފުނޑުފުނޑުވެ، ވަރަށް ކުދިކުދި އެތިކޮޅު ވެސް ސިކުނޑީގެ ލޭނާރުތަކުގެ ތެރެއަށް އައިސް ލޭނާރުތަކުގެ ތެރޭގައި ތާށިވާގޮތް ވެއެވެ.ސްޓްރޯކްޖެހުމަކީ އަވަހަށް ފަރުވާ ބޭނުންވާނެ ކަމެކެވެ.

ލޭމައްޗަށްދިއުމަކީ ސްޓްރޯކް ޖެހުމުގެ ފުރުޞަތު 4 ގުނަ އިތުރުކުރާ ކަމެއްކަމަށް ބުނެވެއެވެ. ލޭމައްޗަށް ދިއުމުން ބޮޑެތި ލޭހޮޅިތަކުގެ ތެރޭގައި ސަރުބީ ތަތްވެ، ލޭހިނގާ މަގު ހަނިވެ، ލޭހޮޅި ހަރުވެގެން ދެއެވެ. ނަތީޖާއެއްގެ ގޮތުން ސިކުނޑީގެ ކުދި ލޭހޮޅިތަކުގެ ފާރު ތުނިވެ، ނުވަތަ ހިމަވެ، ބެދިގެން ދެއެވެ. އަދި މިކަމުގެ ސަބަބުން ލޭނާރެއް ފަޅައިގެންގޮސް ސިކުނޑިއަށް ލޭއެޅުމަކީ ވެދާނެ ގޮތެކެވެ. އާޚިރު ނަތީޖާއަކީ އެއްފަޅި ވާގިނެތުން ފަދަ ކަމެއް ދިމާވުމެވެ.

ބައެއް ފަހަރު ވަގުތީ ސިފައެއްގައި ނުވަތަ ކުރުމުއްދަތަކަށް ސްޓްރޯކްޖެހުން ކުރިމަތި ވެއެވެ. މިގޮތަށް ސްޓްރޯކް ޖެހުމަށް “މިނީ ސްޓްރޯކް”(mini stroke) އޭ ކިޔައެވެ. މިގޮތަށް ސްޓްރޯކް ޖެހެނީ ސިކުނޑީގެ ވަކި ހިސާބަކަށް ކުރުމުއްދަތަކަށް މިސާލަކަށް 15 ވަރަކަށް މިނިޓް ވަންދެން ލޭލިބުން ހުއްޓިއްޖެނަމަ އެވެ. މިގޮތަށް ކުރު މުއްދަތަކަށް ސްޓްރޯކް ޖެހުމަކީ ހަގީގީ ސްޓްރޯކެއް ޖެހެން އުޅޭކަމުގެ އިންޒާރެކެވެ.

ސްޓްރޯކް ނުވަތަ ވާގިނެތޭ ބަލީގެ ވައްތަރުތައް

ވާގިނެތޭ ބަލީގެ ދެވައްތަރެއް ވެއެވެ. ފުރަތަމަ ވައްތަރަކީ ލޭހޮޅިއެއް ފަޅައިގެން ދިއުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން ނުވަތަ ލޭފޭއްދުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި(Hemorrhagic stroke)  އެވެ. ދެވަނަ ވައްތަރަކީ ސިކުނޑީގައި ގަނޑުލޭކޮޅެއް އުފެދުމުގެ ސަބަބުން ވާގިނެތޭ ބަލި ކުރިމަތިވުން  ނުވަތަ ސިކުނޑީގައި ގަނޑުލޭކޮޅޭއް އުފެދުމުގެ ސަބަބުން ކުރިމަތިވާ ވާގިނެތޭ ބަލި(Ischemic stroke)  އެވެ. މިދެ ހާލަތުގައި ވެސް ސިކުނޑިވަނީ އޮކްސިޖަން އަށް ފެންބޮވައިގެން ފައެވެ. ނަތީޖާއެއްގެ ސިކުނޑީގެ ސެލްތައް ހަލާކުވެ، ސެލްތައް މަރުވުން ކުރިމަތި ކުރުވައެވެ.

(ހ) – ސިކުނޑީގެ ލޭހޮޅިއެއް ބެދި ލޭފޯރުކޮށްދިނުން ދަށްވުމުން ވާގިނެތޭ ބަލިޖެހުން:
(Ischemic stroke) ސްޓްރޯކް ޖެހުމުގެ ފުރަތަމަ ވައްތަރަކީ “އިސްކިމިކް ސްޓްރޯކް” އެވެ. މިއީ ލޭހޮޅިތަކުގެ ތެރޭގައި ގަނޑުއެތިކޮޅެއް އުފެދި، އެއެތިކޮޅު ލޭހޮޅީގެ ތެރޭގައި ދަތުރުކޮށްފައި ގޮސް، ސިކުނޑީގެ ލޭހޮޅިއެއްގެ ތެރޭގައި ތާށިވެ، އެހޮޅި ބެދޭގޮތް ވުމެވެ. މިގޮތަށް ލޭހޮޅި ބެދޭގޮތް ވުމުން އެހިސާބަކަށް ލޭފޯރުވުން ދަށްކޮށްދޭނެ އެވެ. ގިނަ ފަހަރަށް މިފަދަ ގަނޑު އެތިކޮޅު އުފެދެނީ ކޮލެސްޓްރޯލް ގިނަވެ، ލޭހޮޅިތަކުގެ ތެރޭގައި އަށަގަނެ( ކޮބަނޑި ގަނޑެއްގެ ސިފައިގައި ލޭހޮޅީގެ ތެރޭގައި ޖަމާވެ)އޭގެ އެތިކޮޅެއް އެތަނުން ނެއްޓި ލޭހޮޅިތަކުގެ ތެރޭގައި ދައުރުވާން ފެށުމުންނެވެ. ސްޓްރޯކް ޖެހުމުގެ 80 އިންސައްތަ އަކީ މިވައްތަރުގެ ސްޓްރޯކްކަން ފާހަގަ ކުރެވެއެވެ.

(ށ) – ސިކުނޑީގެ ލޭނާރެއް ފަޅައިގެންދިއުމުން ވާގިނެތޭ ބަލިޖެހުން:
(Hemorrhagic stroke)ސްޓްރޯކް ޖެހުމުގެ ދެވަނަ ވައްތަރަކީ ”’ހީމޮރޭޖިކް ސްޓްރޯކް”’ އެވެ. މިއީ ލޭގެ ޕްރެޝަރު މަތިވެ، ސިކުނޑީގެ ލޭހޮޅިތައް ފަޅައިގެން ގޮސް، ސިކުނޑީގެ އެތެރެއަށް ލޭއޮހޮރުމުގެ(ލޭއެޅުމުގެ) ސަބަބުން ސިކުނޑީގެ ބައެއް ހިސާބުތައް ފިތި، އެތަނުން ކުރާ މަސައްކަތް ހުއްޓާލުން އެވެ. މިއީ ވެސް ލޭމައްޗަށްދާމީހުންނަށް ކުރިމަތިވާ ވަރަށް ނުރައްކާތެރި ޙާލަތެކެވެ.

ސްޓްރޯކް ޖެހުމަށް މަގުފަހި ކުރާ ކަންތައްތައް

(1) – އެކަމުން ދުރުހެލިވުމުގައި އިޚްތިޔާރު ނެތް ކަންތައްތައް

(ހ) – އުމުރު: އުމުރުން 55 އަހަރު ވުމަށްފަހު ކޮންމެ 10އަހަރަކުން ސްޓްރޯކް ޖެހުމުގެ ފުރުސަތު ދެގުނައަށް އިތުރުކުރުވައެވެ.

(ށ) – ޖިންސް: ފިރިހެނުންނަށް އަންހެނުންނަށް ސްޓްރޯކް ކުރިމަތިވުމުގެ ފުރުސަތު ބޮޑެވެ. އަދި އުމުރުގެ ކުރީކޮޅު ސްޓްރޯކް ޖެހުން ފަދަ ކަންތައް ކުރިމަތި ކުރުވައެވެ. އަންހެނުންނަށް މިފުރުސަތު އިތުރުވަނީ ގިނަފަހަރު އިއްދައިގެ އުމުރު ފަހަނައަޅާ ދިއުމުންނެވެ. އެއީ އެސްޓްރޯޖިން ގެ މިންވަރު މަދުވެ، ހަށިގަނޑުން ބީވެގެންދާތީ ކަމުގައި ބެލެވެއެވެ.

(ނ) – ވާރުތަވުން: އެފްރޯ-ކެރީބިއަން ހިސާބުތަކުގައި އުޅޭމީހުންނަށް ސްޓްރޯކް ޖެހުމާއި ހިތުގެ ލޭހޮޅިތަކަށް ބަލި ޖެހުމުގެ ފުރުސަތު އެހެން ނަސްލު ތަކުގެ މީހުންނަށް ވުރެ ކުރީގައި އުޅޭކަމަށް ވަނީ ފާހަގަކުރެވިފައެވެ.

(2) – އެކަމުން ދުރުހެލިވުމުގައި އިޚްތިޔާރު ލިބިގެންވާ ކަންތައްތައް

(ހ) – ދުންފަތުގެ އިސްތިއުމާލުކުރުން: ދުންފަތުގެ އިސްތިއުމާލު ކުރާމީހުންނަށް އެކަން ނުކުރާމީހުންނަށްވުރެ ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑެވެ. އަންހެނުންގެ ތެރެއިން ދުންފަތުގެ އިސްތިއުމާލުކޮށް އަދި ދަރިން ނުވިހާ ބޭސް ބޭނުންކުރާ މީހުންނަށް ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކަން ވަނީ ފާހަގަވެފައެވެ.

(ށ) – މަސްތުވާ ތަކެއްޗާ ބަނގުއާވި ބޭނުންކުރުން: އަންހެނުން އެއްތަށި، ފިރިހެނުން ދެތައްޓަށްވުރެ ގިނައިން ބަނގުއާވި ދުވާލަކު ބޯނަމަ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުން އިތުރުކުރުވައެވެ. އެއީ އޭގެ ސަބަބުން ލޭގެ ޕްރެޝަރ އަދި ކޮލެސްޓީރޯލް އާއި ހަށިގަނޑުގެ ބަރުދަނަށް އަސަރު ފޯރުވާތީ އެވެ. ބައެއް ކަހަލަ މަސްތުވާ ތަކެތި ބޭނުންކުރުން މިސާލަކަށް ކޮކޭއިން އަދި އިންޖެކްޝަންގެ ޒަރީއާއިން ނެގޭ މަސްތުވާތަކެތި ބޭނުންކުރުމާއި، ސްޓްރޯކް ޖެހުން ފަދަ ކަންކަމާއި ގުޅުން ވާކަމަށް ވަނީ އެގިފައެވެ.

(ނ) – ލޭމައްޗަށްދިއުން: ލޭމައްޗަށްދިއުން ލޭގެ ޕްރެޝަރު މަތިވުމަކީ ހިތް މަސައްކަތްކުރާ މިންވަރު އިތުރުވާ ކަމެކެވެ. އޭގެ ސަބަބުން ހިތް ސައިޒުން ބޮޑުވެ، ބާރުދެރަވާގޮތް ވެއެވެ. ލޭގެ ޕްރެޝަރ މަތިވެ، ކޮލެސްޓީރޯލް ވެސް މަތިވެ، އަދި ހަކުރު ބަލި ހުރުން ނުވަތަ ދުންފަތު އިސްތިއުމާލު ކުރާނަމަ ހާޓް އެޓޭކް އަދި ސްޓްރޯކް ޖެހުން ކުރިމަތިވުމުގެ ފުރުސަތު އެތައް ގުނައަކަށް މަތިކުރުވައެވެ.

(ރ) – މާބޮޑަށް ފަލަވުން: މާބޮޑަށް ފަލަވުމަކީ ވެސް ހިތުގެ ބަލިތަކާއި، ސްޓްރޯކް ޖެހުން އިތުރުވާ ކަމެކެވެ. ހަމަމިހެން ހަކުރު ބައްޔަށް ހުށަހެޅުމުގެ ފުރުސަތު ވެސް އިތުރުވެގެން ދެއެވެ.

(ބ) –  ސަރުބީ މަތިވުން: ސަރުބީ މަތިވުމުގެ ސަބަބުން ސިކުނޑިއަށް ލޭފޯރުކޮށްދޭ ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ ލޭހޮޅި އަރުއަރައިފިނަމަ ސިކުނޑިއަށް ލޭ ހިނގުމުގައި ހުރަސްތަކާ ކުރިމަތިވެ، ސްޓްރޯކް ޖެހުމަކީ ވެދާނެ ގޮތެކެވެ.

(ޅ) – ހެލިފެލިވެ ނޫޅޫން: އެއްވެސް ކަހަލަ ކަސްރަތެއް ނުކޮށް އަބަދު ގޭގައި އިށީދެ އޮށޯވެގެން އިނުމަކީ ހަށިގަނޑުގައި ހިމެނޭ ރަގަޅު ކޮލެސްޓްރޯލް ގެ މިންވަރު ދަށްކޮށްދޭ ކަމެކެވެ. ސަރުބީ އިތުރުވުމަކީ އެކަމުގެ ސަބަބުން ސްޓްރޯކް ޖެހުމަށް މަގުފަހިކުރާ ކަމެކެވެ.

(ކ) – ހަކުރު ބަލިޖެހުން: ހަކުރު ބަލި ޖެހުމަކީ ވެސް ސްޓްރޯކް ޖެހުމަށް ފަހިކުރާނެ ކަމެކެވެ. ހަކުރު ބަލި ހުންނަ މީހުންގެ ލޭހޮޅިތަކުގައި ސަރުބީ ޖަމާވުމުގެ ފުރުޞަތު ބޮޑުވާނެ އެވެ. އަދި ފަސޭހައިން ސަރުބީގެ ކޮބަޑިގަނޑު ލޭހޮޅިތަކުގައި ހަރުލާނެ އެވެ. މިހެންވުމަކީ ލޭހޮޅިތައް ހަރުއަރައި، ލޭހިނގުމަށް ބުރޫއަރާނެ ކަމެކެވެ. ސިކުނޑީގެ ލޭހޮޅިތަކުގައި ލޭހިނގުމަށް ބުރޫއެރުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިވާނެ ކަމެކެވެ.

ފެނިދާނެ އަލާމާތްތައް

ލޭމައްޗަށްދިއުން ހުންނާތީ ބޭސް ބޭނުންކުރަމުންދާނަމަ، ސްޓްރޯކެއް ޖެހުމުގެ އަލާމާތްތައް އެނގި އެކަމަށް ސަމާލުވުމަކީ މުހިއްމު ކަމެކެވެ. އަދި އެފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަކާއި މަޝްވަރާކުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ސްޓްރޯކެއް ޖެހުމުން ފެނިދާނެ އަލާމާތްތަކަކީ:-

  • ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތުގެ އަތް،ފައި އަދި މޫނު ވާގިދަށްވެ އައްސިވާހެން ހީވުމާއި، މޫނުގެއެއްފަޅިން ވާގިނެތޭހެން ހީވުން ނުވަތަ ވަރުދެރަވުން
  • އެއްލޮލުގެ ނުވަތަ ދެލޮލުގެ ފެނުން ކުއްލިއަކަށް ދަށްވެ ނުވަތަ ފުސްވުން
  • ކުއްލިއަކަށް ހަށިގަނޑުގެ އެއްފަރާތް ހަރަކާތްނުކުރެވި ވާވުން (ހަށިގަނޑުގެ އެއްފަޅީގެ ވާގިނެތުން)
  • ކުއްލިއަކަށް އަނބުރައިގަންނަގޮތް ވުމާއި، މޭނުބައިކުރުމާއި ހޮނޑުލެވުމާއި ބޮލުގައި ރިހުން
  • ވާހަކަ ދައްކަން އުދަގޫވުމާއި ދައްކާވާހަކަ އޮޅުން ނުފިލުން، އަދި ލިޔަން އުދަނގޫވުން
  • ކާއެއްޗެތި ދިރުވަން އުދަގޫވުން
  • ހަށިގަނޑުގެ ހަމަ ހިފެހެއްޓުން ގެއްލުމާއި އަތާއި ފައިގެ ކޯޑިނޭޝަން ގެއްލުން (ހިނގުމަށް އުދަނގޫވުން)
  • ހިނދުކޮޅަކަށް ނަމަވެސް ހޭނެތުން (ހޭވެރިކަން ގެއްލުން)
  • ކުއްލިއަކަށް ވާނުވާނޭނގި، ވިސްނުން އަރާރުންވެ ގޮތެއް ނިންމަން އުދަނގޫވުން އަދި ހައިރާންކަމެއްގެ ތެރެއަށް ގެއްލުން
  • ކުޑަކަމު ދިއުމަށް ދަތިވެ އުދަނގޫވުން

ފަރުވާ

ސްޓްރޯކެއް ޖެހުމަކީ ކުއްލި ޙާލަތެކެވެ. ވުމާއެކު ވީހާވެސް އަވަހަށް ފަރުވާ ދެވޭނެ ހިސާބަކަށް ބަލިމީހާ ގެންދިއުމަކީ ކޮންމެހެން  ކުރަންޖެހޭނެ ކަމެކެވެ. ފަރުވާ ދިނުން ލަސްވެ ގިނައިރުވީ ވަރަކަށް ކުރީގެ ހުރި ފުރިހަމަ ޞިއްޙަތަށް އެނބުރި ދިއުމުގެ ފުރުޞަތު ހަނިވާނެއެވެ. ކުރިން އިޝާރާތްކުރި އަލާމާތްތައް ފާހަގަކުރެވޭނަމަ، ލަސްނުކޮށް ހޮސްޕިޓަލަށް ގެންދިއުމަކީ ބުއްދިވެރި ކަމެކެވެ.

އިމަޖެންސީ ޙާލަތްތަކުގައި ގުޅާނެ ނަންބަރާއި، އަދި އެމްބިޔުލެންސް ޚިދުމަތަށް އެދޭނެގޮތް މިފަދަ ބަލިމީހުންނަށް ކުރިއްސުރެ އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ހޮސްޕިޓަލަށް ގެންދިއުމުގެ ކުރިން ބަލިމީހާގެ ހާލަތު ބެލުމުގައި ނޭވާލާތޯއާއި، ލޭދައުރުކުރޭތޯ އާއި، ހޭހުރިތޯ ބަލައި މިފަދަ ކަމެއްގައި މައްސަލައެއްވާނަމަ އަވަސްފަރުވާ ދޭންވާނެއެވެ.

ހޮސްޕިޓަލަށް ގެންދިއުމަށްފަހު ބަލިމީހާގެ ނޭވާލުމާއި، ހިތުގެ ވިންދު، އަދި ލޭދައުރުވުން ހަމައަކަށް އެޅުވުމަށްފަހު، ބޮލުގެ ސީޓީ ސްކޭން، ހެދުމަކީ މިފަދަ ކަމެއް ދެނެގަތުމަށްޓަކައި، ކުރާނެ ޓެސްޓެވެ. މިޓެސްޓްގައި ސިނކުޑީގެ ތެރެއަށް ލޭއޮހޮރިފައިވާނަމަ، ނުވަތަ ވަކިހިސާބަކަށް ލޭގެންގޮސްދިނުން ހުއްޓި، އެހިސާބުގެ މަސައްކަތް ހުއްޓިފައިވާނަމަ، އެކަން ދެނެގަނެވޭނެ އެވެ. އެއަށްފަހު ޑޮކްޓަރަށް ފެންނަ އެންމެ ރަގަޅު ގޮތަކަށް ބަލިމީހާގެ ހަގީގީ ފަރުވާ ފަށާނެއެވެ. އާންމު ގޮތެއްގައި ސްޓްރޯކް ޖެހުމުން ދޭނީ ބޭހުގެ ފަރުވާ އެވެ.

މިކަހަލަ ހާލަތެއްގައި ސިކުނޑީގެ އޮޕަރޭޝަނެއް ކޮށް އެތަނުގައިވާ ލޭތަން ނެރުމަކީ ކުރާނެ ކަމެއް ނޫނެވެ. މިހާތަނަށް އެނގިފައިވާ ގޮތުގައި ސްޓްރޯކް ޖެހިގެން ސިކުނޑީގެ ތެރެއަށް ލޭއެޅިފައިވާ މީހުން ވަގުތުން އޮޕަރޭޝަން ކުރުމަކީ ބަލިމީހާގެ އެހާލަތަށް އެއްވެސް ލުޔެއް ލިބޭކަމެއް ނޫނެވެ. ވުމާއެކު މިފަދަ މީހުންނަށް ފަރުވާކުރަނީ ހާލު ދެރަނަމަ އައިސީޔޫގައި ބާއްވައި ބޭސްދީގެންނެވެ. މީގެ ތެރޭގައި ލޭގެ ޕްރެޝަރު ދަށްކުރުމަށް ދޭބޭހާއި، ސިކުނޑީގެ ޕްރެޝަރު ދަށްކުރުމަށް ދޭ ބޭސްތައް ހިމެނެއެވެ. އަދި ފިޓްޖެހުން މަނާކުރަން ދޭ ބޭސް ވެސް ހިމެނެއެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ކަންތައްތައް

މިކަމުން ރައްކާތެރިވެ ހުރުމަށް އެންމެ އެދެވިގެންވާ ގޮތަކީ ލޭގެ ޕްރެޝަރު މައްޗަށްދިޔަނުދީ ހިފެހެއްޓުމާ، ކެއުމުގައި ޞިއްޙީ ގޮތްތައް ޚިޔާރުކުރުމާ، ކަސްރަތުކޮށްގެންނާ، އެހެނިހެން ގޮތްގޮތުން ވިޔަސް ހަށިގަނޑު ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް މަސައްކަތް ކުރުމެވެ. ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުހެލިވުން، މާބޮޑަށް ފަލަވިޔަނުދިނުން، ހަކުރު ބަލި ކޮންޓްރޯލް ގައި ބެހެއްޓުން ފަދަ ކަންކަމަކީ ވެސް ސްޓްރޯކް ޖެހުމުން މިންޖުވެ ހުރުމަށް މުހިއްމު ކަންތައްތަކެވެ.

(ހ) – ލޭގެ ޕްރެޝަރު ކޮންޓްރޯލްކޮށްފައި ބެހެއްޓުން: ޑޮކްޓަރު ދީފައިވާ ޕްރެޝަރުގެ ބޭސް ބޭނުންކުރުން ހުއްޓާލުމަކީ މިފަދަ މައްސަލަ ދިމާވުމުގެ އެންމެ ބޮޑު އެއް ސަބަބެވެ. ބައެއް ބަލިމީހުންނަށް ޑޮކްޓަރު ދޭ އިރުޝާދު ރަގަޅަށް އޮޅުން ނުފިލާކަން ފާހަގަކުރެވެއެވެ. އަދި އުމުރުން ދުވަސްވީ ބައެއް މީހުންނަށް މިފަދަ ބޭހެއް ކާންޖެހުމުގެ މުހިއްމުކަން ކިޔާނުދީ އޮތުމަކީ ވެސް މިކަންކަން ކުރިމަތިވުމުގެ އެއް ސަބަބެވެ.

(ށ) – ސިކުނޑިއާއި ބޮލަށް ލޭގެންގޮސްދޭ ލޭހޮޅިއެއްގައި މައްސަލަ ދިމާވެފައިވާ މީހުން ޑޮކްޓަރުގެ ފަރުވާ އަށް ފަރުވާކުޑަ ނުކޮށް ހުއްޓާނުލާ ފަރުވާ ކުރިޔަށް ގެންދިއުން

(ނ) – ހަކުރު ބައްޔަށް ބޭސް ބޭނުންކުރާނަމަ ހަކުރު ކޮންޓްރޯލްގައި ބެހެއްޓުން

(ރ) – ހިތުގެ ބަލިތަކަށް ވަކިން ޚާއްޞަކޮށް ހިތުގެ ވިންދުގައި މައްސަލަތަކެއް (ވިންދު ލަސްވުން ނުވަތަ ވިންދު އަވަސްވުން) ދިމާވާ މީހުންނަށް ކުރާ ފަރުވާ ތަކުގައި އިހްމާލްނުވެ، ޑޮކްޓަރުގެ އިރުޝާދުގެ ދަށުން ބޭސްކުރަމުން ގެންދިއުން

(ބ) – ދުންފަތުގެ އިސްތިއުމާލުކުރާނަމަ އެކަން ވަގުތުން ހުއްޓާލުން

(ޅ) – ކޮލެސްޓްރޯލް (ސަރުބީ) މަތިވެފައިވާ މީހުން އެކަން ކުޑަކުރުމަށް ބޭސް ބޭނުންކުރުން

(ކ) – ހަށިގަނޑު ގަވާއިދުން ޑޮކްޓަރަށް ދައްކާ ބަލައި ޗެކްކޮށް ޓެސްޓް ކުރުން : މިގޮތުން ލޭގެ ޕްރެޝަރު، ހަކުރު، އަދި ކޮލެސްޓީރޯލް ހުރި މިންވަރު ދޭތެރެ ދޭތެރެއިން ޑޮކްޓަރަށް ދައްކައިގެން ޗެކް ކުރެވިދާނެ އެވެ. އެއިން އެއްވެސް ކަމެއް ތަބީއީ ނޫން ސިފައެއްގައި ވާނަމަ އެކަމަށް ލަސްނުކޮށް ފަރުވާ ހޯދުމަކީ ބުއްދި ވެރިކަމެކެވެ.

(އ) – ހަށިގަނޑުގެ ބަރުދަން މައްޗަށްދިޔަނުދީ ކޮންޓްރޯލް ކުރުމާއެކު ކަސްރަތުކުރުން: ހަފްތާއަކު 4-3 ފަހަރު 30މިނިޓް ވަންދެން އެންމެ މަދުވެގެން ކަސްރަތު ކުރަން އާދަކުރާށެވެ. ހަށިގަނޑު މާބޮޑަށް ބަރުހެލި ވިޔަ ނުދޭށެވެ. ”ބޮޑީ މާސް އިންޑެކްސް” ހުންނަން ވާނީ 25-18.5އާއި ދެމެދުގައެވެ. އުނަގަނޑުގެ ވަށަމިން 88ސމ(އަންހެނުން) އަދި 102ސމ( ފިރިހެނުން) އަށްވުރެ އިތުރުވެގެން ނުވާނެއެވެ.

ނޯޓް: ބޮޑީ މާސް އިންޑެކްސް ބަލާނީ ކިހެނެއް؟

ނަތީޖާތައް:

އާންމުކޮށް ހުންނަށްޖެހޭ ވަރަށްވުރެ ލުއި= 18.5އަށްވުރެ ދަށް

އާންމުކޮށް ހުންނަން ޖެހޭވަރު= 25-18.5އާއި ދެމެދު

އާންމުކޮށް ހުންނަށް ޖެހޭވަރަށްބުރެ ބަރުދަން އިތުރު= 30-25 އާއި ދެމެދު

މާބޮޑަށް ފަލަވުން= 40-30 އާއި ދެމެދު

ނުރައްކާތެރި ވަރަކަށް ފަލަވެފައިވުން = 40އަށްވުރެ މަތި

ނޯޓް: މިލިޔުމަކީ މަޢުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެވިފައިވާ ލިޔުމެކެވެ.

މަޢުލޫމާތު: އިންޓަނެޓްގެ ބައެއް ވެބްސައިޓް ތައް

ކިޔާފައިވާ ޢަދަދު:25,089

މިވެސް މުހިންމު