ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން

ތައިރޮއިޑް ގްލޭންޑް އަކީ ދަތްދޮޅިއަށްވުރެ ތިރިން ކަރުގެ ކުރިމަތި ފަރާތުގައި އިންނަ ގްލޭންޑް އެކެވެ. ހަށިގަނޑުގައި ހިނގާ ވަރަށް ގިނަ މަސައްކަތްތަކަށް އެހީތެރިވެދީ އަދި އެމަސައްކަތްތަކުގައި ބައިވެރިވާ ހޯރމޯންތައް މިގްލޭންޑް އިން އުފައްދައެވެ. ވުމާއެކު މިގްލޭންޑްގެ މަސައްކަތަށް ބުރޫއަރާ ކޮންމެ ކަމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ގިނަ މަސައްކަތްތަކަށް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ކާތަކެތިން ހަށިގަނޑުގެ ސެލްތަކަށް ބޭނުންވާ ހަކަތަ ހޯދުމަށް ހިންގާ މަސައްކަތް (metabolism) ކޮންޓްރޯލް ކުރަނީ ތައިރޮއިޑް ގްލޭންޑުންނެވެ.

ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ވަރަށް ގިނަ ބަލިތަކެއް ވެއެވެ. ތައިރޮއިޑް ގްލޭންޑް އަށް ޖެހޭ ބަލިތަކުގެ ތެރޭގައި ތައިރޮއިޑް ގްލޭންޑް ދުޅަވެ ފުއްޕާލުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު، ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ނުއުފެއްދުން (ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވުން)، އަދި ތައިރޮއިޑް ހޯރމޯން އެކަށޭނަވަރަށް ވުރެ ގިނައިން އުފެއްދުން (ތައިރޮއިޑް ގްލޭންޑް ގެ މަސައްކަތް އިތުރުވުން) ވެސް ހިމެނެއެވެ. ރާއްޖޭގައި އެންމެ އާންމު އެއްބައްޔަކީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށްދިއުން ނުވަތަ ތައިރޮއިޑް ދަށްވުން ނުވަތަ ”ހައިޕޯތައިރޮއިޑިޒަމް”(Hypothyroidism) އެވެ.

ތައިރޮއިޑް ދަށްވުން – ހައިޕޯތައިރޮއިޑިޒަމް

ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވު(Hypothyroidism)މުގެ މާނައަކީ އެގްލޭންޑް އިން އުފައްދާ ހޯރމޯން އުފެއްދުން ދަށްވުމާއި، ނުވަތަ އެއިން އުފައްދާ ހޯރމޯންގެ ބޭނުން ހަށިގަނޑަށް އެކަށޭނަ ގޮތުގައި ނުކުރެވުމެވެ. ކުރުކޮށް ބުނާނަމަ ތައިރޮއިޑް ދަށްވުމަކީ “ތައިރޮއިޑް ގްލޭންޑުން އެކަށޭނަ ވަރަށް ތައިރޮއިޑް ހޯރމޯން ނުއުފެއްދުމެވެ”. ތައިރޮއިޑް ދަށްވުމަކީ ވަރަށް އާންމު ޞިއްހީ މައްސަލަ އެކެވެ.

ތައިރޮއިޑް ހޯރމޯންގެ މިންވަރު މަދުވުމަކީ އޭގެ އަސަރު މުޅި ހަށިގަނޑަށް ކުރާނެ ކަމެކެވެ. އޭގެ ސަބަބުން ވަރުބަލިވެ، ވަރުދެރަވާގޮތް ވެއެވެ. ތައިރޮއިޑް ދަށްވުމަށް ފަރުވާ ނުކުރެވިއްޖެނަމަ، ހަށިގަނޑުގައި ސަރުބީގެ މިންވަރު މަތިވެ، ސްޓްރޯކް ޖެހުމާ، ހާރޓް އެޓޭކް ޖެހުމަށް މަގުފަހިކުރުވައެވެ. މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެ، އެކަމަށް ފަރުވާ ނުކުރެއްވިޖެނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރު ކުރުމަކީ ވެދާނެ ގޮތެކެވެ.

ކޮންމެ އުމުރެއްގެ މީހަކަށް ވެސް ތައިރޮއިޑް ދަށްވުން ކުރިމަތިވެދާނެ އެވެ. ނަމަވެސް އުމުރުން ދުވަސްވީ މީހުންނަށް ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު ބޮޑެވެ. ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު އުމުރުން 60 އަހަރުން މަތީގެ އަންހެނުންނަށް ވަކިން އިތުރުކަން ފާހަގަ ކުރެވެއެވެ. އާއިލާގައި ތައިރޮއިޑް ދަށްވުން ހުރުމަކީ ވެސް އެއާއިލާގެ އެހެން މީހުންނަށް ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު އިތުރުކުރާ ކަމެކެވެ.

ތައިރޮއިޑް ދަށްވުމަށް ދިމާވާ ސަބަބުތައް

ތައިރޮއިޑް ދަށްވުން މެދުވެރިކުރުވާ އެހެނިހެން ސަބަބުތައް ވަރަށް ގިނައެވެ. އޭގެ ތެރޭގައި:-

(ހ) – އަޔޮޑިން ދަށްވުން: އަޔޮޑިން ތައިރޮކްސިން ހޯރމޯން އުފެއްދުމަށް ތައިރޮއިޑް ގްލޭންޑަށް ބޭނުންވާ މާއްދާ އެކެވެ. އިންސާނާގެ ހަށިގަނޑަކީ އަޔޮޑިން އުފައްދައިދޭ ތަނަކަށްނުވާތީ ކެވޭ ކާނާގެ ތެރެއިން ހަށިގަނޑަށް އަޔޮޑިން ލިބެންޖެހެއެވެ. އަޔޮޑިން އެކުލެވޭ މޭޒުމަތީ ލޮނަކީ އަޔޮޑިން އިން މުއްސަދި އެއްޗެކެވެ. އަޔޮޑިން ލިބޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި، ކަނޑުމަސް، ބިސް، މޫދުލޮނު، ބޮލިމަސް، ކިރާ ކިރުގެ އުފެއްދުންތައް ފަދަ ބާވަތްތައް ހިމެނެއެވެ. ތައިރޮއިޑް ދަށްވުން މެދުވެރިވާ އެންމެ އާންމު ސަބަބަކީ މިއީ އެވެ. މިހާރު ފެކްޓަރީތަކުން އުފައްދާ ލޮނުގައި އަޔޮޑިން ހިމަނާފައިވާތީ މިމައްސަލަ ފެންނަލެއް މަދުކަން ފާހަގަކުރެވެއެވެ.

(ށ) – ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ތައިރޮއިޑް އާއި އިދިކޮޅު މާއްދާތަކެއް އުފެދުމުގެ ސަބަބުން ތައިރޮއިޑް ގްލޭންޑް ދުޅަވެ، ތައިރޮއިޑް ހޯރމޯން އުފެއްދުން މަދުވުން: ތައިރޮއިޑް ގްލޭންޑްގެ ދަށްވުމަށް މެދުވެރިވާ އެންމެ އާންމު އެއް ސަބަބަކީ ހަށިގަނޑުގެ ދިފާޢީ ނިޒާމްގައި ތައިރޮއިޑް އާއި އިދިކޮޅު މާއްދާ(antibodies) ތަކެއް އުފެދުމުގެ ސަބަބުން، އެމާއްދާތައް ތައިރޮއިޑް ގްލޭންޑަށް ހަމަލާދިނުމުން، އެކަމުގެ ސަބަބުން، ތައިރޮއިޑް ގްލޭންޑް ދުޅަވެ، ތައިރޮއިޑް ހޯރމޯން އުފެއްދުން މަދުވުން ( Hashimoto’s thyroiditis) ކުރިމަތިވުމެވެ.

(ނ) – ތައިރޮއިޑް ސާޖަރީ ހެދުން: އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމުގެ ސަބަބުން ތައިރޮއިޑް ދަށްވުމަކީ ވެދާނެ ގޮތެކެވެ. ތައިރޮއިޑް ގްލޭންޑުން އެއްކޮށް ނުނަގާނަމަ، ނުނަގައި އިންނަ ބައިން ވެސް ބޭނުންވާ ވަރަށް ތައިރޮއިޑް ހޯރމޯން އުފައްދައި ދިނުމަކީ ވެދާނެ ގޮތެކެވެ. އަދި އެގޮތަށް ނުނަގައި އިންނަ ބައިން އެކަށޭނަ ވަރަށް ތައިރޮއިޑް ހޯރމޯން އުފައްދައިދޭނަމަ ތައިރޮއިޑް ދަށްވުމުގެ މައްސަލަ ދިމައެއް ނުވާނެ އެވެ. އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ނެގުމުން ތައިރޮއިޑް ދަށްވަނީ، އެއްކޮށް ތައިރޮއިޑްނެގުން، ނުވަތަ ތައިރޮއިޑް ގްލޭންޑުން ނުނަގާއިން ބައި ރަގަޅަށް މަސައްކަތް ނުކުރާ ނަމައެވެ.

އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނަގަންޖެހިދާނެ ހާލަތްތަކުގެ ތެރޭގައި “ތައިރޮއިޑް މަތިވުން”، ތައިރޮއިޑް ގްލޭންޑްގައި ގޮށްލުން”، “ތައިރޮއިޑް ގްލޭންޑް ދުޅަވެ ބޮޑުވުން” ފަދަ ހާލަތްތައް ހިމެނެއެވެ.

(ރ) – ކަރު ހިމެނޭ ހިސާބަށް ރޭޑިޔޭޝަންގެ ފަރުވާދިނުން: ބައެއް ކަހަލަ ކެންސަރުތަކަށް (ލިމްފޯމާ) ކަރު ހިމެނޭ ހިސާބަށް ރޭޑިޔޭޝަންގެ ފަރުވާ ދޭންޖެހުމަކީ ވެދާނެ ގޮތެކެވެ. ބައެއް ފަހަރު ތައިރޮއިޑް ގްލޭންޑްގެ ބަލިތަކަށް ފަރުވާ ކުރުމުގެ ގޮތުން ރޭޑިއޭޝަން ހިމެނޭ އަޔޮޑިން ދިނުން ފަދަ ކަންތައްތައް ކޮށްއުޅެއެވެ. މިފަދަ ފަރުވާތަކުގެ ސަބަބުން ތައިރޮއިޑް ދަށްވުމަކީ ވެދާނެ ގޮތެކެވެ.

(ބ) – ރޭޑިޔޯއެކްޓިވް އަޔޮޑިންގެ ފަރުވާނެގުން: މިއީ ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް މަތިވެ އިތުރުވުން ނުވަތަ ތައިރޮއިޑް މަތިވުން(hyperthyroidism)  ފަދަ ކަންކަމުގެ ފަރުވާގައި ކޮށްއުޅޭ ކަމެކެވެ. މިފަރުވާގެ ސަބަބުން ތައިރޮއިޑްގެ ސެލްތައް ހަލާކުވެ، ތައިރޮއިޑް ދަށްވުން މެދުވެރި ކުރުވައެވެ.

(ޅ) – ސިކުނޑީގައިވާ ޕިޓޫއިޓަރީ ގްލޭންޑުގައި އައިބެއްހުރުން، ނުވަތަ އެގްލޭންޑަށް ގެއްލުންވުން: ޕިޓޫއިޓަރީ ގްލޭންޑުގައި ހުންނަ މައްސަލައަކުން ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ހުރަސްއަޅަނީ ވަރަށް މަދުންނެވެ. ޕިޓޫއިޓަރީ ގްލޭންޑަކީ ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބާރުއަޅާ ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އުފައްދައިދޭ ގޮށެކެވެ. މީގެ އިތުރުން ސިކުނޑީގައިވާ ހައިޕޯތަލަމަސް އިން ތައިރޯޓްރޮޕިން ރިލީޒިންގ ހޯރމޯން އެކަށޭނަ ވަރަށް ނުއުފެއްދުމަކީ ވެސް ތައިރޮއިޑް ގްލޭންޑުން ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ހުރަސްއަޅާނެ ކަމެކެވެ. އެހެންކަމުން ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އެހީތެރިވުމަށް ސިކުނޑީގެ ބައެއް ހިސާބުތަކުން އުފައްދާ މިފަދަ ހޯރމޯން (ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި ތައިރޯޓްރޮޕިން ރިލީޒިންގ ހޯރމޯން) ތަކުގައި މައްސަލައެއް ދިމާވެއްޖެނަމަ ވެސް ތައިރޮއިޑްގެ މަސައްކަތްތައް ދަށްވެގެން ދެއެވެ.

(ކ) – ބައެއް ކަހަލަ ބޭސް ބޭނުންކުރުން: ހިތުގެ ބައެއް މައްސަލަތައް، ބައެއް ވައްތަރުގެ ކެންސަރުތައް، އަދި ނަފްސާނީ ބައެއް މައްސަލަތަކަށް ބޭނުންކުރާ ބޭހުގެ ސަބަބުން ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އަސަރު ކުރެއެވެ. މިފަދަ ބޭސްތަކުގެ ތެރޭގައި “އެމިއެޑެރޯން”، “އަލްފާ އިންޓަފީރަން”، “ލިތިއަމް”، އަދި “އިންޓަލޫކިން2” ފަދަ ބޭސްތައް ހިމެނެއެވެ.

(އ) – އުފެދުމުގައި ތައިރޮއިޑް ގްލޭންޑްގައި މައްސަލަހުރުން: ބައެއް ކުދިން އުފަންވާއިރު (ދިރާސާތަކުން ދައްކާގޮތުގައި ކޮންމެ 4ހާސް ކުދިންގެ ތެރެއިން އެއްކުއްޖަކު) ތައިރޮއިޑް ގުލޭންޑު ރަގަޅަށް ނުއުފެދުމަކީ ނުވަތަ ތައިރޮއިޑް ގްލޭންޑް ރަގަޅަށް މަސައްކަތްނުކުރުމަކީ ވެދާނެ ގޮތެކެވެ.

(ވ) – ބައެއް ކަހަލަ އިންފެކްޝަން ތައް: ބައެއް ކަހަލަ ވައިރަސް އާ، ބެކްޓީރިޔާ ފަދަ ޖަރާސީމުގެ ސަބަބުން ޖެހޭ ބަލިތަކުގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވާގޮތް ވެއެވެ. މިއީ ވަގުތީ ކަމެކެވެ. އަދި މިއީ ދާއިމީ ގޮތެއްގައި ތައިރޮއިޑް ދަށްވެ، ބޭސް ބޭނުންކުރަންޖެހޭނެ ހާލަތެއް ނޫނެވެ.

(މ) – ބަލިވެއިނުން: ބަލިވެ އިނުމަކީ ކަނޑައެޅިގެން ތައިރޮއިޑް ދަށްވާކަމެކޭ  ބުނެވޭކަން ނެތެވެ. ނަމަވެސް ބައެއް ފަހަރު ބަލިވެއިނުމުން ތައިރޮއިޑް ގްލޭންޑް ދުޅަވާގޮތް ދިމާވެއެވެ. މިގޮތަށް ތައިރޮއިޑް ގްލޭންޑް ދުޅަވުމުން، އާދަޔާ ޚިލާފަށް ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އިތުރުވުމަށްފަހު، ކުއްލިއަކަށް ތައިރޮއިޑް ހޯރމޯން އުފެއްދުން ދަށްކޮށްލާގޮތް ވެއެވެ. ބަލިވެއިނުމުން ކުރިމަތިވާ ތައިރޮއިޑް ދަށްވުން، ވިހެއުމަށްފަހު މަޑުމަޑުން ކުރިން ހުރި ހާލަތަށް ރުޖޫއަވާކަން ފާހަގަ ކުރެވެއެވެ.

ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު ބޮޑީ ކޮންބަޔަކަށް؟

ފިރިހެނުންނަށްވުރެ އަންހެނުންނަށް ޚާއްޞަކޮށް އުމުރުން ދުވަސްވީ އަންހެނުންނަށް ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު ބޮޑެވެ. ތައިރޮއިޑް ދަށްވުމަށް މަގުފަހިކުރާ (ފުރުޞަތު އިތުރުކުރާ) ކަންތައްތައް ތިރީގައި މިވަނީ އެވެ.

 • އުމުރު: އުމުރުން ދުވަސްވީ މީހުންނަށް ޒުވާނުންނަށްވުރެ ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު ބޮޑެވެ.
 • ޖިންސް: ފިރިހެނުންނަށްވުރެ އަންހެނުންނަށް ތައިރޮއިޑް ދަށްވުމުގެ ފުރުޞަތު ބޮޑެވެ
 • ނަސްލު: ދޮން އަދި އޭޝިޔާ ނަސްލުގެ މީހުންނަށް ތައިރޮއިޑް ދަށްވުން ކުރިމަތިވާ މިންވަރު އިތުރެވެ.
 • ވާރުތަވުން: އާއިލާގައި ތައިރޮއިޑް ދަށްވުން ބައްޔެއްގެ ގޮތުގައި ދައުރުވަމުން އައުމަކީ އާންމު ކަމެކެވެ.
 • ތައިރޮއިޑްގައި ކުރިން މައްސަލަ ހުރުން: ތައިރޮއިޑް ގައި ކުރިން ހުރި މައްސަލައެއް ގެ ސަބަބުން މިސާލަކަށް ތައިރޮއިޑް ބޮޑުވެ ދުޅަވުން، ތައިރޮއިޑް ގްލޭންޑްގެ ކެންސަރު ފަދަ ބަލިތަކަށް ފަރުވާކުރުމަކީ އެކަމުގެ ސަބަބުން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވެ، ތައިރޮއިޑް ދަށްވުމަށް މަގުފަހިކުރާ ކަމެކެވެ.
 • ބައެއް ކަހަލަ ދިގުމުއްދަތަށް ދެމިގެންދާ ބަލިތައް ހުރުން: ހަކުރުބަލި، ރާއްޖެ ބަލި، މަލްޓިޕަލް ސްކެލިރޯސިސް، ސިލިއެކް ޑިޒީޒް، އެޑިސަންސް ޑިޒީޒް، ލޭމަދުވުގެ ބައެއް ވައްތަރުތައް، އަދި ހުދުބަލި ފަދަ ބަލިތައް ހުރުމަކީ ތައިރޮއިޑް ދަށްވެދާނެ ކަންކަމެވެ.
 • ބައެއް ކަހަލަ ނަފުސާނީ ބަލިތައް ހުރުން: ބައިޕޯލަރ ޑިސްއޯޑަރ ފަދަ ނަފްސާނީ ބަލިތަކަކީ ތައިރޮއިޑް ދަށްވުމަށް މަގުފަހިކުރާ ކަންކަމެވެ.
 • އުފެދުމުގައި ވިރާސީގޮތުން ހުންނަ އުނިކަން: ޑައުން ސިންޑްރޯމް، ޓާރނަރ ސިންޑްރޯމް ފަދަ ބަލިތައް ހުރުމަކީ ތައިރޮއިޑް ދަށްވުމަށް މަގުފަހިކުރާ ކަމެކެވެ.
 • ބައެއް ކަހަލަ ބޭސްތައް ބޭނުންކުރުން: އެމިއެޑެރޯން، ލިތިއަމް ފަދަ ބޭސްތައް ބޭނުންކުރުމަކީ ތައިރޮއިޑް ދަށްވުމަށް މަގުފަހިކުރާކަމެކެވެ.

ތައިރޮއިޑް ދަށްވުމުން ފެނިދާނެ އަލާމާތްތައް (ޝަކުވާތައް)

ތައިރޮއިޑް ދަށްވުމުގެ ސަބަބުން ބަލިމީހާ އަށް އަންނަ ބަދަލުތަކަކީ ލަސްލަހުން އަންނަ ބަދަލުތައް ކަމަށްވުމާއެކު ބައެއްފަހަރު މިކަން ފާހަގަ ނުވުމަކީ ވެދާނެ ގޮތެކެވެ. ނުވަތަ މިކަމުގެ އެއްވެސް އަލާމާތެއް ނުފެނި ހިގައިދާނެ އެވެ. ސަބަބަކީ މިހޯމޯން ތަކަކީ ހަށިގަނޑުގެ ތަފާތު މަސައްކަތްތައް ކުރުމުގައި ބައިވެރިވާ އެއްޗެހިތަކަށް ވުމާއެކު އެއީ ތައިރޮއިޑް ހޯމޯންގެ މިންވަރު ދަށްވެގެން އަންނަ ބަދަލުތަކެއްކަން ދެނެގަންނަން ދަތިވާތީ އެވެ.

ހައިޕޯތައިރޮއިޑިޒަމް ކުޑަ މިންވަރަކަށް ހުންނަ މީހުންނަށް އެކަމުގެ އުދަގޫ މާބޮޑަށް ނުހުރެވެސް ހިގައިދާނެ އެވެ. ނަމަވެސް މިކަންތައް ބޮޑުވެގެން ދާނަމަ އެކަމުގެ އުދަގުލާއި އަލާމާތްތައް ފެންނާނެއެވެ.. ތައިރޮއިޑް ހޯމޯން ރަގަޅަށް ނުއުފައްދާ މީހަކަށް ދިމާވާ މައްސަލަތަކުގެ ތެރޭގައި ވަރުބަލިކަމާއި ކަންތައް ކުރާހިތްނުވުން ހިމެނެއެވެ. މިބައިމީހުން ބޮޑަށް ފަލަވާނެއެވެ. އެކަށީގެންވާ މިންވަރެއްގެ ކަސްރަތެއްކޮށް މަދުން ކައިހެދިއަސް މިހެންވެދާނެއެވެ. ޒުވާން އުމުރުގައި މިފަދަކުދިން ބޮޑުވުމާއި އިސްކޮޅުން ދިގުވުން ލަސްވެދާނެއެވެ. ވަރުބަލިކަމާއި ހަންހިކުމާއި އިސްތަށި ފޭބުމާއި ހަދާން ބަލިވުމުގެ މައްސަލަ ކުރިމަތިވެދާނެއެވެ.

އާންމު ގޮތެއްގައި ތައިރޮއިޑް ދަށްވުމުން ބަލިމީހާ ކުރާނެ ޝަކުވާތަކަކީ:-

 • ވަރުދެރަވެ، ވަރުބަލިވުން
 • ގައިގެ ހަކަތަ ދަށްވެ، ވާޅުވެ ވަރުބަލިވުން
 • ތެދުވެއުޅެން އުދަގޫވުން
 • އަބަދު ނިދިއައިސްފައި ހުންނަހެން ހީވުން އަދި ތާއްޔަށްޖެހުން
 • ކާމިންވަރާއި އަޅާބަލާއިރު ހަށިގަނޑުގެ ބަރުދަން އިތުރުވެގެންދިއުން
 • ގައިގެ ހަމުގައިވާ ފެނުގެ ބައި މަދުވެ، ހަންގަނޑު ހިކިވެ ކުރަކިވުން
 • ނިޔަފަތިތައް ދެރަވެ، ފަސޭހައިން ރެނދުލައި ބިނދުން
 • ކާހިތްނުވުން އަދި ފިނިތަންތާގައި ހުންނަން އުދަނގޫވުން
 • ބޮލުގެ އިސްތަށި ފައިބައި، އިސްތަށިގަނޑު ތުނިވުން
 • މުޅި ގައިގައި ރިހުން (މަސްތަކުގައި ރިހުން)
 • ހުޅުތަކުގައި ރިހުން
 • އަކުނިވަޔަށް ދެމުން
 • ހަތަރެސްފައިގެ ބާރުދަށްވަމުންދިއުން
 • އަތްތިލަ އައްސިވެ ރިހުން
 • މިޒާޖު ގޯސްވެ އަވަހަށް މާޔޫސްވުން
 • ސިކުނޑި ހަމަނުޖެހޭގޮތްވުން
 • ބަނޑުހަރުވުން
 • މައްސަރުކަންތައް ތަރުތީބުން ކޮންމެ މަހަކު ނުޖެހުން
 • ކަންތައްތައް ހަދާނުގައި ބަހައްޓަން އުދަނގޫވުން
 • ލޮލުގެ ފެނުމާއި ކަންފަތުގެ އަޑުއިވުމަށް ވެސް މައްސަލަތައް ކުރިމަތިވުން
 • އަތްފައި ފޮއްސިވުން
 • އަޑުކުރަކިވުން

ކުޑަކުދިންނަށް (ތުއްތު ކުދިންނަށް) ތައިރޮއިޑް ދަށްވުމުން ފެނިދާނެ އަލާމާތްތައް

މަދުން ނަމަވެސް ތުއްތުކުދިންނަށް ތައިރޮއިޑް ދަށްވުން ދިމާވެއެވެ. ފުރަތަމަ މަހުގެ ތެރޭގައި ތައިރޮއިޑް ދަށްވުން ހުރިކަން އެނގި ފަރުވާ ކުރެވިއްޖެނަމަ އާދައިގެ ކުއްޖެއްގެ ގޮތުގައި ބޮޑުވަމުން އަންނާނެ އެވެ. ތުއްތު ކުދިންނަށް ތައިރޮއިޑް ދަށްވުން ދިމާވެ، އެކަށޭނަ ފަރުވާ ނުލިބިއްޖެނަމަ، ސިކުނޑިއަށް ގެއްލުންވުމަކީ ވެދާނެ ގޮތެކެވެ. މިކަމުގެ ސަބަބުން ވިސްނުމުގެ ނުކުޅެދުންތެރިކަން، އަދި ބޮޑުވުން ލަސްވުން ފަދަ ކަންތައްތައް ދިމާވެއެވެ. އުމުރުން 3 އަހަރު ވުމަށްފަހު، ތައިރޮއިޑް ދަށްވުން ދިމާވެއްޖެނަމަ ވިސްނުމުގެ ނުކުޅެދުންތެރިކަން ދިމާވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ބޮޑުވުން ލަސްވުމާ، މައްސަރު ކަންތައް ޖެހުން ލަސްވުން، ފަދަ ކަންތައްތައް މެދުވެރިވުމަކީ ވެދާނެ ގޮތެކެވެ.

ކުޑަކުދިންނަށް ތައިރޮއިޑް ދަށްވުމުން އެއްވެސް އުދަނގުލެއް ނުފެނި ހިގައިދާނެ އެވެ. އަލާމާތްތައް ފެންނަނަމަ އޭގެތެރޭގައި އަންނަނިވި ކަންތައްތައް ހިމެނިދާނެ އެވެ.

 • އަތްތިލަޔާ ފައިތިލަ ފިނިވުން
 • ބަނޑުހަރުވުން
 • މާބޮޑަށް ނިދި އައިސް ތާއްޔަށްޖެހޭގޮތްވުން
 • އަޑުލާފައި ރުއިން
 • ބޮޑުނުވުން
 • މަސްތަކުގެ ވަރުނެތި ދޫވުން
 • ރީނދޫވުން
 • ރަގަޅަށް ނުކެއުން
 • މޫނު ބޯވެ، ދުޅަވެފައި ހުރުން
 • ބަނޑުގައި ވައިހެދުން
 • ދޫދުޅަވުން
 • އުޅުމަށް ބަދަލުއައުން
 • ސުކޫލްގައި ރަގަޅު ނަތީޖާއެއް ނުނެރުވުން

ތައިރޮއިޑް ދަށްވުމުން ދިމާވެދާނެ ނުރައްކާތައް

 • މިކްސިޑީމާ: މިއީ ހަށިގަނޑުގެ ޓިޝޫތައް ދުޅަވެ، ފުއްޕާމެޔާ ހިތުގެ ވަށައިގެންވާ ފަށަލަތަކުގައި ފެން ހަރުލައި، މަސްތަކުގެ ހަރަކާތްތައް ދަށްވެ، ވިސްނުމަށް އުނިކަން ގެނުވާ ހާލަތެކެވެ.
 • މިކްސިޑީމާ ކޯމާ: މިއީ ފުރާނައަށް ނުރައްކާވާ ހާލަތެކެވެ. މިހާލަތުކުރިމަތިވަނީ ދިގުމުއްދަތަކަށް ތައިރޮއިޑް ދަށްވުން ހުރެ، ގިނަ ދުވަސްވެ، އެކަން ގޯސްވެގެން ދިއުމުންނެވެ. ގިނަ ފަހަރު މިހެން ދިމާވަނީ އުމުރުން ދުވަސްވީ މީހުންނަށް ވަރަށް ބޮޑަށް ތައިރޮއިޑް ދަށްވުން ހުރެފައި، އެހެން ކަމެއްގެ ސަބަބުން މާބޮޑަށް ބަލިވުމުންނެވެ. މިހެންވުމުން ފެނިދާނެ އަލާމާތްތަކުގެ ތެރޭގައި ވިސްނުމަށް ބަދަލުއައުން، ވާނުވާނޭނގި މޮޔަގޮވުން، އަދި ހޭނެތުން ފަދަ ކަންތައްތައް ހިމެނެއެވެ. ފިނިހޫނިމިން ދަށްވެ، ވިންދު ދަށްވެ، ނޭވާލާން އުދަނގޫވުމަކީ ވެސް ވެދާނެ ގޮތެކެވެ.
 • ކޮލެސްޓްރޯލް އަދި ޓްރައިގްލިސެރައިޑްގެ މިންވަރު މަތިވެ، ސްޓްރޯކް އަދި ހާރޓް އެޓޭކް ޖެހުމަށް މަގުފަހިވުން
 • ހިތުގެ ވަށައިގެންވާ ދުލީގެ ތެރޭގައި ފެންހަރުލުން
 • ނިދީގައި ނޭވާލުން ހުއްޓުމާ، ނޭވާލާން ދަތިވުން
 • ކަންކަން ހަދާންނުހުރުން ނުވަތަ ހަދާންނެތުން
 • ހިތުގެ މައްސަލަތައް
 • ދަރިން ނުލިބުން
 • މާބޮޑަށް ފަލަވުން

މާބަނޑުވުމާއި ތައިރޮއިޑް ދަށްވުން

މާބަނޑުވުމަކީ ހަށިގަނޑަށް ބޭނުންވާ ހަކަތަ އާއި ހޭދަވާ ހަކަތަ އިތުރުވާނެ ކަމެކެވެ. ތައިރޮއިޑް ގްލޭންޑް އަކީ މިމަސައްކަތުގައި ވަރަށް މުހިއްމު ރޯލެއް އަދާކުރާ ގްލޭންޑް އަކަށްވުމާއެކު، އެއިން ކުރަމުން އަންނަ މަސައްކަތްތައް އިތުރުވާން ޖެހެއެވެ. ވުމާއެކު ތައިރޮއިޑް ހޯރމޯން އުފެއްދުމަށް ބޭނުންވާ އަޔޮޑީން ފަދަ މާއްދާތައް ނުލިބޭ ހިސާބުތަކުގެ އަންހެނުންގެ ތައިރޮއިޑް ގްލޭންޑް މާބަނޑުވުމާއެކު ދުޅަވާކަން ފާހަގަ ކުރެވިފައި ވެއެވެ. ނަމަވެސް މިހާރު ކާތަކެއްޗަށް އަޅާ ލޮނުގައި އަޔޮޑީން އެކުލެވޭތީ މިމައްސަލަ ދިމާވުން ކުޑައެވެ. ތައިރޮއިޑް ގްލޭންޑް އިން ދޫކުރާ ހޯމޯންތަކުގެ މަސައްކަތަށް ވެސް މާބަނޑުވުމުން ބަދަލުތަކެއް އާދެއެވެ. ބަލިވެ އިނުމުގެ ފުރަތަމަ 3 މަސް ދުވަހުގެ ތެރޭގައި ބައެއް ހޯރމޯންތައް މަދުވުމަށްފަހު، މަޑުމަޑުން އޭގެ މިންވަރު އާދައިގެ ޙާލަތަކަށް އަންނަކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އޭގެ ސަބަބަކީ ބަލިވެއިނުމާއި ގުޅިގެން ބިސްރަވަ އިން ދޫކުރާ ނުވަތަ ނެރޭ އަންހެންވަންތަ ހޯރމޯންތައް ކަމަށް ވެސް ބެލެވިފައި ވެއެވެ. މާބަނޑުވުމަށްފަހު ރަހިމުގެ ތެރޭގައި ދަރިފުޅު އުފެދުމުގެ މަރުހަލާކަމަށްވާ ފުރަތަމަ 10-12 ހަފްތާގައި ދަރިފުޅު ބޭނުންކުރަމުންދާނީ މަންމަގެ ލޭގެ ތެރެއިން ދައުރުވާ ތައިރޮއިޑް ހޯރމޯން އެވެ. ނަމަވެސް ފުރަތަމަ 3 މަސް ނިމޭއިރު ރަހިމުގައިވާ ދަރިފުޅުގެ ހަށިގަނޑުގައި ތައިރޮއިޑް ގްލޭންޑް އުފެދި އަމިއްލައަށް މަސައްކަތް ކުރަން ފަށައެވެ.

ތައިރޮއިޑް ދަށްވުމުން މަންމައަށް ކުރާނެ އަސަރުތައް

މާބަނޑު އަންހެނުންގެ ތެރެއިން ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށްވެފައިވާ މީހުންގެ ކިބައިން މާގިނަ އަލާމާތްތަކެއް ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް ވަރަށް ބޮޑަށް ތައިރޮއިޑް ދަށްވެ، އަދި އެކަމަށް އެކަށީގެންވާ ފަރުވާ ނުލިބި ދާނަމަ، މާބަނޑު މީހާއަށް އޭގެ ސަބަބުން ދިމާވެދާނެ ނޭދެވޭ މައްސަލަތައް ވަރަށް ގިނައެވެ.

 • މާބަނޑުގެ އަންހެނާގެ ލޭގެ ޕްރެޝަރު މަތިވެ، ގުރުދާ އަދި ލޭ ހޮޅިތަކަށް އޭގެ އަސަރުކުރުން
 • މަންމައާއި ދަރިފުޅު ގުޅުވައިދޭ މަހުގައި އާދަޔާ ޚިލާފު މައްސަލަތައް ދިމާވުން
 • އުފަންވާއިރު ދަރިފުޅުގެ ބަރުދަން ލުއިވުން
 • ވިހެއުމަށްފަހު ލޭމަނާނުވުން

ތައިރޮއިޑް ދަށްވުމުން ދަރިފުޅަށް ކުރާނެ އަސަރުތައް

ތައިރޮއިޑް ހޯރމޯން އަކީ ރަހިމުގެ ތެރޭގައި އުފެދޭ ދަރިފުޅުގެ ސިކުނޑި އުފެދުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެކެވެ. 1999 ވަނަ އަހަރު ކޮށްފައިވާ ދިރާސާއަކުން އެނގޭގޮތުގައި މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެ، އަދި އެކަމަށް އެކަށޭނަ ފަރުވާކޮށްފައިނުވާ އަންހެނުންނަށް ލިބުނު ކުދިންގެ އައިކިޔޫ ނުވަތަ ސިކުނޑީގެ ފެންވަރު ނުވަތަ ވިސްނުމުގެ ފެންވަރު އެހެންކުދިންނާއި އަޅާބަލާއިރު ވަރަށް ދަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން މަދަރުސާގައި އެކުދިންނަށް އެދެވޭ ނަތީޖާއެއް ނުނެރެވުމާއި، ކްލާސްތައް ރިޕީޓް ކުރަންޖެހޭ ނިސްބަތް މަތިކަމަށް މިދިރާސާއިން ވަނީ ދައްކާފައެވެ. އެހެން ދިރާސާއަކުން ހާމަވެފައިވާގޮތުގައި މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވެފައިވާކަން ނޭނގި، ނުވަތަ އެކަން އެނގިހުރެ ނަމަވެސް ބަލިވެއިނުމުގެ ފުރަތަމަ 12 ހަފްތާގައި ތައިރޮއިޑް ހޯމޯންގެ މިންވަރު ލޭގެ ތެރޭގައި ދަށްވެފައިވާ މީހުންނަށް ލިބޭ ކުދިންގެ ހަށިގަނޑުގެ މަސްތަކާއި ކަށިތައް އުފެދި ބޮޑުވުމުގައި މައްސަލަތައް ދިމާވެއެވެ.

މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވުން ކުރިމަތިވިޔަ ނުދިނުމަށް ކުރެވިދާނެ ކަންތައްތައް

މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވުން ފަދަ ކަންތައްތަކުން ދުރުވެ ރައްކާތެރިވުމަށް އަންނަނިވި ކަންތައްތައް ކުރުން މުހިއްމެވެ.

 • ބަލިވެއިނުމަށްތައްޔާރުވަމުންދާއިރު ތައިރޮއިޑްގެމައްސަލައެއް ހުރިތޯ ބެލުމަށް ޓެސްޓްހެދުން.
 • މާބަނޑު އަންހެނުންގެ ތެރެއިން ތައިރޮއިޑް ގްލޭންޑް (ކަރުގެ މަތިން ދުޅައެއް) ފެންނަން ހުންނަ މީހުންނާއި، އާއިލާމީހުންގެ ތެރޭގައި ތައިރޮއިޑް މައްސަލަ ހުންނަމީހުންނާއި، ކުރިން ތައިރޮއިޑް އަށް ބޭސް ބޭނުންކުރަމުން އަންނަ މީހުންނާއި، ތައިރޮއިޑް ދަށްވެފައިވާ ކަމުގެ އަލާމާތްތައް ހުންނަ އަންހެނުން، ތައިރޮއިޑް ޓެސްޓްހަދައި، ތައިރޮއިޑް ހޯރމޯންގެ މިންވަރު ހުރީ ރަގަޅު ވަރެއްގައިތޯ ޔަގީންކުރުން.
 • ތައިރޮއިޑް ހޯރމޯން ލޭގޭ ތެރޭގައި އޭގެ އެންމެ ދަށްލެވެލްގައިވާ އަންހެނުންނާއި، ތައިރޮއިޑް އާއި އިދިކޮޅަށް ހަށިގަނޑުގެ ތެރޭގައި އުފެދޭ ހަށިދަމަނަ ލޭގެ ތެރޭގައި ހިމެނޭ އަންހެނުން ބަލިވެއިނުމާއި ގުޅިގެން ތައިރޮއިޑް ހޯމޯންގެ ކުޑަ މިންވަރެއް ކޮންމެ ދުވަހަކު ބޭނުންކުރުމަށް ބައެއް ޞިއްހީ މުއައްސަސާތަކުން ލަފާދެއެވެ. ސަބަބަކީ ބަލިވެއިނުމުން މިހޯރމޯން ބޭނުންވާ މިންވަރު މަތިވުމުން އެކަށީގެންވާ ވަރަކަށް ހޯރމޯން ނުލިބޭނަމަ ދަރިފުޅަށް އޭގެ ނޭދެވޭ އަސަރުކޮށްފާނެތީ އެވެ.
 • މާބަނޑުމީހުންގެ ތެރެއިން ތައިރޮއިޑް ބޭސް ބޭނުންކުރަމުން އަންނަ މީހުން ފުރަތަމަ 3 މަހުގެ ތެރޭގައި ތައިރޮއިޑް ހޯރމޯން ބޭނުންވާ މިންވަރު 50-25 އިންސައްތަ އިތުރުވެގެންދާނެ އެވެ. ވުމާއެކު ޓެސްޓް ހަދައި ހޯމޯންގެ މިންވަރު ބަލައި އިތުރަށް ބޭނުންވާނަމަ ބޭސް ބޭނުންކުރާ މިންވަރު މަތިކުރަންޖެހޭނެ އެވެ.
 • ތައިރޮއިޑް ދަށްވެ ބޭސް ބޭނުންކުރަމުން އަންނަ މީހުން ވިހެއުމުގެ ކުރިންނާއި ވިހެއުމުގެ ފަހުން ވެސް ޓެސްޓް ހަދައި ތައިރޮއިޑް ހޯމޯން ހުރި މިންވަރު ބަލަންވާނެ އެވެ. ވިހެއުމަށްފަހު މިހޯރމޯންގެ މިންވަރަށް ބަދަލު އައުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.

ތައިރޮއިޑް ދަށްވުން ދެނެގަތުމަށް ހެދޭ ޓެސްޓްތައް

ތައިރޮއިޑް ދަށްވުން ދެނެގަތުމަށް ފުރަތަމަ ކުރެވޭ ކަމަކީ ބޭރު ފުށުން ތައިރޮއިޑް ގްލޭންޑު ބަލައި ހެދުމެވެ. ހަށިގަނޑުގެ ތެރޭގައިވާ ލޭގައި ތައިރޮއިޑް ހޯރމޯން (Thyroxine) ދައުރުވާ މިންވަރާއި، އަދި ސިކުނޑިން ނެރޭ ތައިރޮއިޑް ހޯރމޯން އުފެއްދުމަށް އެހީތެރިވެދޭ ހޯރމޯން(TSH) ތައް ހަށިގަނޑުގައި ދައުރުކުރާ މިންވަރު ބެލުމަކީ ތައިރޮއިޑް ދަށްވެފައިވޭތޯ ބެލުމަށް ހަދާ އެންމެ ރަގަޅު ޓެސްޓެވެ. މިއަށްކިޔަނީ ތައިރޮއިޑް ފަންކްޝަން ޓެސްޓް(Thyroid function test) އެވެ. ތައިރޮއިޑް ދަށްވެފައިވާ މީހުންގެ މިހޯރމޯންތައް މަދުވެފައިވާކަން ފާހަގަ ކުރެވޭނެ އެވެ. ލޭގެ މިޓެސްޓްގެ އިތުރުން ތައިރޮއިޑް ގްލޭންޑް ދުޅަވެފައިވޭތޯ ބެލުމަށްޓަކައި ކަރުގެ އަލްޓްރާ ސައުންޑް ސްކޭނެ(thyroid scan) އް ހެދުމަކީވެސް ކުރާ ޓެސްޓެކެވެ. ތައިރޮއިޑް ގްލޭންޑް ދުޅަވެފައިވާނަމަ ވަރަށް ހިމަކައްޓެއް ބޭނުންކޮށްގެން އެއިން ނަގާ ސެލްތައް މައިކްރޮސްކޯޕް ބޭނުންކޮށްގެން ބަލައި ޓެސްޓް ކުރުމަށް ކިޔަނީ ”ފައިން ނީޑްލް އެސްޕިރޭޝަން ސައިޓޮލޮޖީ”(FNAC) އެވެ. މީގެ ބޭނުމަކީ ދުޅަވެފައިވާ ތައިރޮއިޑް ގްލޭންޑްގައިވަނީ ކޮންކަހަލަ ސެލްތަކެއްތޯއާއި، އޭގައި ކެންސަރުގެ އަސަރެއ ހުރިތޯ ބެލުމެވެ.

ތައިރޮއިޑް ދަށްވުމުގެ ފަރުވާ

ލޭގެ ތެރޭގައި ދައުރުކުރާ ތައިރޮއިޑް ހޯރމޯންގެ މިންވަރު މަދުވެ، ހައިޕޯތައިރޮއިޑިޒަމް ކަން ޔަގީންވުމުން އެކަމަށް ފަރުވާ ކުރުމަކީ ޞިއްޙަތު ސަލާމަތުން ހުރުމަށްޓަކައި ކުރަންޖެހޭނެ ކަމެކެވެ. މިކަމަށް ދޭންޖެހޭނެ ފަރުވާ އަކީ ލޭގެ ތެރޭގައި މިހޯރމޯންގެ މިންވަރު އާދައިގެ މިންވަރެއްގައި ހިފެހެއްޓުމަށްޓަކައި ބޭސް(ލީވޯތައިރޮކްސިން) ކެއުމެވެ. މިބޭހަކީ ގުޅަބޭހުގެ ގޮތުގައި އުފައްދާފައި ހުންނަ ތައިރޮކްސިން އެވެ. ބޭސްކާންޖެހޭ މިންވަރު ކަނޑައަޅާނީ ލޭގެ ރިޕޯޓްތަކަށް ބެލުމަށްފަހު ފަރުވާ ކުރާ ޑޮކްޓަރެކެވެ. ފަރުވާ ކުރިޔަށް ގެންދަންޖެހޭ މިންވަރު ބިނާވެފައި އޮންނާނީ ތައިރޮއިޑް ގްލޭންޑް އަށް ދިމާވެފައިވާ މައްސަލައިގެ މައްޗަށެވެ. މިސާލަކަށް އޮޕަރޭޝަނަށްފަހު ތައިރޮއިޑް ގްލޭންޑް އެކީގައި ނަގާފައިވާނަމަ، މިބޭސް މުޅި އުމުރަށް ކާންޖެހެއެވެ. ހަމަމިހެން ތައިރޮއިޑް ގެ އެހެނިހެން މައްސަލަތަކާހެދި ބޭސް ބޭނުންކުރާއިރު، މަދުވެގެން އަހަރަކު އެއްފަހަރު ތައިރޮއިޑް ހޯރމޯންގެ މިންވަރު ބެލުމަށްޓަކައި ޓެސްޓް ހެދުމަކީ މުހިއްމު ކަމެކެވެ. އަދި އެޓެސްޓްގެ ނަތިޖާއާއި އެއްގޮތަށް ބޭސް ކާންޖެހޭ ގޮތަށް ބަދަލުގެންނަން ޖެހެއެވެ. ތައިރޮއިޑް ގްލޭންޑްގެ މަސައްކަތް ދަށަށް ދިއުމާއެކު، ތައިރޮއިޑް ގްލޭންޑް ދުޅަވެ، ކަރުގައިވާ ވައިނޮޅި (ނޭވާހިނގާ ހޮޅި)، ކާތަކެތި ހިނގާ ހޮޅި  (ކާއެއްޗެތިދާ ހޮޅި) ފިތި ބަންދުވުން އަދި ކަރުގެ ދުޅައަކީ ކެންސަރު ފަދަ ކަމަކަށް ޝައްކުކުރެވޭ ފަދަ ދުޅައަކަށް ވާނަމަ، އޮޕަރޭޝަންކޮށްގެން ތައިރޮއިޑް ގްލޭންޑް ނެގުމަކީ ވެސް ފަރުވާ އެކެވެ. ނަމަވެސް ހަމައެކަނި އެގްލޭންޑްގެ މަސައްކަތް ދަށްވުމާއި، ދުޅައިގެ ސަބަބުން އިތުރު އުދަގޫތަކެއް ކުރިމަތިނުވާނަމަ، ތައިރޮއިޑްގެ މަސައްކަތް ދަށްވުމުގެ ސަބަބުން އޮޕަރޭޝަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭނެ ކަމެއް ނޫނެވެ.

ނޯޓް: މިއީ މައުލޫމާތު ފެތުރުމުގެ ނިޔަތުގައި ލިޔެފައިވާ ލިޔުމެކެވެ.

މައުލޫމާތު:

Healthwise, W. M. (2010, 06 16). WebMD - Hypothyroidism.
Retrieved 08 19, 2013, from http://www.webmd.com/:
http://www.webmd.com/a-to-z-guides/hypothyroidism-topic-overview

Reference, W. M. (2013, 06 16). WebMD - Hypothyroidism.
Retrieved 08 18, 2013, from http://www.webmd.com/:
http://www.webmd.com/a-to-z-guides/hypothyroidism-
underactive-thyroid-symptoms-causes-treatments?page=3

ޢުބައިދު, ޑ. އ. (2010, 02 09). ތައިރޮއިޑް ގްލޭންޑްގެ ބަލިތަކުގެ ތެރެއިން ހައިޕޯތައިރޮއިޑިޒަމް.
Retrieved 08 18, 2013, from http://www.haveeru.com.mv/: 
http://www.haveeru.com.mv/dhivehi/health/86443

ޢުބައިދު, ޑ. ޢ. (2010, 04 27). މާބަނޑު ދުވަސްވަރު ތައިރޮއިޑް ދަށްވުމަކީ ދަރިފުޅަށް އަސަރުކުރާ ކަމެއް.
Retrieved 08 17, 2013, from http://www.haveeru.com.mv/dhivehi/health/88988: 
http://www.haveeru.com.mv/dhivehi/health/88988

ކިޔާފައިވާ ޢަދަދު:26,508

މިވެސް މުހިންމު